މާދަމާ ހއ. ދިއްދޫ އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ނަމާދު ކުރައްވާނީ އިސްލާމިލް މިނިސްޓްރީ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ކަމަށް އެ އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ދިއްދޫ އިސްލާމީ މަރުކަޒު ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ މާދަމާ ހުކުރު ނަމާދަށެވެ.
މިނިސްޓްރީން ބުނިގޮތުގައި، މާދަމާ ހަވީރު ދިއްދޫ އިސްލާމީ މަރުކަޒުގައި ޤާއިމްކުރެވިފައިވާ އިސްލާމީ ކުތުބުޚާނާ ހުޅުވުމަށް ހަމަޖެހިފައިވާއިރު، މާދަމާ ރޭ އިސްލާމީ މަރުކަޒުގައި ޤާއިމްކުރެވިފައިވާ ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރު ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.
މި މަރުކަޒަށް ނަން ދީފައިވަނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ދިން ޢުދުވާނީ ހަމަލާގައި ޝަހީދުވި، އޭރު މާލެ އިސްލާމީ މަރުކަޒުގެ މުވައްޒަފެއްގެ ގޮތުގައި ހުންނެވި ޝަހީދު ޢުމަރު އަޙްމަދުގެ ނަމަށް ނިސްބަތްކޮށެވެ.
1500 މީހުންގެ ޖާގައިގެ މި މަރުކަޒުގައި 450 މީހުންގެ ޖާގައިގެ މަލްޓި ޕަރޕަސް ހޯލަކާއި، 30 ކުދިންގެ ޖާގައިގެ 4 ކްލާސްރޫމެއް ހުންނާނެއެވެ. މީގެ އިތުރުން 2 ސެމިނަރ ރޫމާއި އިސްލާމިކް ލައިބްރަރީއަކާއި އޮފީސް ޖާގައެއްވެސް ހިމެނެއެވެ.
ދިއްދޫ އިސްލާމީ މަރުކަޒު ތަރައްޤީކުރަނީ ރަށުގެ ހިއްކި ބިން ސަރަޙައްދުގައެވެ. މިއީ ރަށުގައި އަލަށް މީހުން އާބާދުވަމުންދާ ސަރަޙައްދެކެވެ.
އާބާދީގައި 7000އެއްހާ މީހުން ދިރިއުޅޭ ދިއްދޫގައި މި ވަގުތު 6 މިސްކިތުގައި ނަމާދުކުރަމުންދާއިރު، ހުކުރުކުރެވޭ ޖާގަ ތަނަވަސް މިސްކިތުގެ ގޮތުގައި ބޭނުންކުރަމުންދަނީ 3 މިސްކިތެކެވެ.



