ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން، އެ ޤައުމަށް އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރުން 50،000 ޑޮލަރާއި 25،000 މަސްދަޅު ކޭސް ހަދިޔާ ކުރަން ނިންމައިފިއެވެ.
ފޮރިމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މި ނިންމުމަކީ ”ޑިޓްވާ“ ތޫފާންގެ ސަބަބުން ސްރީލަންކާގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި، އެ ޤައުމުގެ ރައްޔިތުންނަށް ލިބިފައިވާ ގެއްލުންތަކާއި ދަތިތަކުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރުން ނިންމެވި ނިންމެވުމެކެވެ.
މިނިސްޓްރީން ބުނި ގޮތުގައި، މި އެހީތެރިކަން ރަމްޒުކޮށްދެނީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުމާއި، މިފަދަ އުނދަގޫ ދަނޑިވަޅެއްގައި އެ ޤައުމުގެ ރައްޔިތުންނާއެކު ދިވެހި ރައްޔިތުން ތިބި ކަމެވެ.
އަދި މި އެހީގެ ސަބަބުން ޙާލުގައި ޖެހިފައިވާ ސްރީލަންކާ ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބި، ސްރީލަންކާ ސަރުކާރުން ކުރަމުންދާ މަސައްކަތަށް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބޭނެކަމަށް އުއްމީދު ކުރާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ، މިފަދަ ކަންކަމުން ދައްކުވައިދެނީ ދެ ޤައުމުގެ ދެމެދުގައި އާއި ރައްޔިތުންގެ މެދުގައި ހިއްސާކުރާ ގާތް އެކުވެރި ގުޅުމެއް ކަމަށެވެ.
ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން އެތައް ބަޔަކު މަރުވެ، އެތައް ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ.
މި ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުންތަކަށް ބަލައި، އެ ޤައުމުން ވަނީ ބައިނަލްއަޤުވާމީ އެހީއަށް އެދިފައެވެ. އަދި ޤައުމުގެ ހާލަތު ގޯސްވުމުގެ ސަބަބުން އެއް ހަފްތާއަށް ކުއްލި ހާލަތު ވެސް ވަނީ އިއުލާންކޮށްފައެވެ.


