ރާއްޖެއަށް މިއަދު ކުރަމުންދާ ވިއްސާރައަކީ ސްރީލަންކާ ސަރަޙައްދުގައި އުފެދިފައިވާ ތޫފާނުގެ ސަބަބުން އުފެދިފައިވާ ވިއްސާރަ ވިލާތަކާއެކު ކުރަމުންދާ ވިއްސާރަކަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ.
މެޓުން ލަފާކުރާ ގޮތުގައި މިވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރާނީ މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށެވެ.
ރާއްޖެއާ ކައިރިން ދެ ސަރަޙައްދެއްގައި އުފެދުނު ތޫފާންތަކުގެ ސަބަބުން މިވޭތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވަނީ ވިއްސާރަކޮށްފައެވެ. މެޓް އޮފީހުން ބުނާގޮތުގައި މި ދެ ތޫފާނަކީ މެލޭޝިއާ ސަރަޙައްދުގައި އުފެދުނު ތޫފާނަކާއި، ސްރީލަންކާ ސަރަޙައްދުގައި އުފެދުނު ތޫފާނެކެވެ. މި ދެ ތޫފާނުގެ ސަބަބުން ރާއްޖޭގެ މޫސުމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.
މެލޭޝިއާ ސަރަޙައްދުގައި އުފެދިފައިވާ ތޫފާނުގެ ބާރު މިހާރު ދަށްވެފައިވާއިރު، ލަންކާ ސަރަޙައްދުގައި އުފެދުނު ތޫފާން ރާއްޖެއާއި ދުރަށް ދަތުރުކުރަމުންދާ ނަމަވެސް، އެ ތޫފާނާ ގުޅިގެން އުފެދިފައިވާ ވިއްސާރަ ވިލާތައް ދަނީ ރާއްޖެ ސަރަޙައްދަށް އަރަމުންނެވެ. މެޓު އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރުވެސް މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށާއި ދެކުނުގެ އަތޮޅުތަކަށް ވިއްސާރަކުރާނެއެވެ.
މި ވިއްސާރައާ ގުޅިގެން މެޓު އޮފީހުން ވަނީ ކ.އަތޮޅުން ފެށިގެން ދ.އަތޮޅާއި ހަމައަށް ހުދު ސަމާލު ނެރެފައެވެ. މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 10:30 އިން މެންދުރުފަހު 15:30 އަށެވެ. މެޓު އޮފީހުން ބުނިގޮތުގައި މި ވަގުތުތަކުގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވެއެވެ.
މޫސުން ކޮންމެވެސް ވަރަކަށް އަންގާރަ ދުވަހުން ފެށިގެން އަލިކުރާނެކަމަށް ލަފާކުރެވުނު ނަމަވެސް، މޫސުން އެއްކޮށް އަލިނުވާނެކަމަށް މެޓު އޮފީހުން ބުނެއެވެ. އެހެންކަމުން ކުރިއަށް އޮތް ހަފްތާގެ ތެރޭގައިވެސް ދަތުރުފަތުރުކުރާ ފަރާތްތަކާއި، އާންމުންވެސް މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.



