ހައިވޭގައި ނުރައްކާތްރި އެކްސިޑެންޓެއް ހިނގައި 2 މީހަކަށް ވަރަށްބޮޑަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ، ހައިވޭއިން ހުޅުމާލެއަށްދާ ލޭން ނިމޭ ހިސާބުގައި ސައިކަލަކާއި ޕިކަޕެއް ޖެހިގެން އެކްސިޑެންޓެއް ހިނގަފައިވާކަމުގެ މަޢުލޫމާތު މިއަދު ހެނދުނު 9 ޖެހިއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.
މިއެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަންއިން ޢުމުރުން 28 އަހަރުގެ ދިވެހި ފިރިހެނަކާއި ސައިކަލުގެ ފަހަތުގައި އިން 22 އަހަރުގެ އިންޑިއާ އަންހެނަކަށް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި، މިދެމީހުންނަށްވެސް އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންނެވެ. އަނިޔާ ލިބުނު ފިރިހެން މީހާގެ ކަނައަތު ކޮނޑުހުޅު ނެއްޓި އޭނާއަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށާއި، އަންހެން މީހާގެ ގައިގެ އެކި ތަންތަން މަށައިގެންގޮސް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
މިހާދިސާ ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.



