އެއަރ އެމްބިއުލާންސް މެދުވެރިކޮށް މިހާތަނަށް 1800 ބަލި މީހުން އުފުލާފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
އެއަރ އެމްބިއުލާންސްގެ ޚިދުމަތަކީ ވައިގެ މަގުން ބަލިމީހުން އުފުލުމަށް ޚާއްސަކޮށް މި ސަރުކާރުން ފެށި ޚިދުމަތެކެވެ.
އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފަށާފައިވަނީ 1 މާރޗް 2024 ވަނަ ދުވަހުއެވެ. އެއަރ އެމްބިއުލާންސްގެ ޚިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތައް ރާއްޖޭގެ އެކި ސަރަހައްދުތަކުން ކުއްލި ހާލަތުގައި ބަލި މީހުން އުފުލުމަށް ޚާއްސަކޮށްގެން ފެށި ޙިދުމަތެކެވެ.
އޮކްޓޯބަރ މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް އެއަރ އެމްބިއުލާންސް މެދުވެރިކޮށް 1800 ބަލި މީހުން ވަނީ އުފުލާފައެވެ. މިއީ 1562 ދަތުރުކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ދައުރުގެ މިހާތަނަށް އެއަރ އެމްބިއުލާންސްގެ ޚިދުމަތަށް 114.1 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އެއަރ އެމްބިއުލާންސްގެ ޚިދުމަތަށް އަހަރެއް ވެފައިވާއިރު، މި ޚިދުމަތަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ވަނީ ޤާއިމުކޮށްފައެވެ. އެގޮތުން، ޚިދުމަތުގައި ވެންޓިލޭޓަރާއި އިންކިއުބޭޓަރ އަދި ކުއްލި ޙާލަތަށް ބޭނުންވާ އެހެނިހެން ވަޞީލަތްތައް ހިމެނެއެވެ. ބަލި މީހުން އުފުލުމަށް ބޭނުންކުރަނީ ޑޭޝް 8 މަރުކާގެ އެއަރކްރާފްޓެކެވެ. މީގެ އިތުރުން، މި ޚިދުމަތް ދިނުމަށް ޚާއްސަ ތަމްރީނު ލިބިފައިވާ ޑޮކްޓަރުންނާއި ނަރުހުންނާއި އިމަރޖެންސީ މެޑިކަލް ޓެކްނީޝަނުންގެ ޓީމެއް ވެސް ވަނީ އެކުލަވާލާފައެވެ.
އެއަރ އެމްބިއުލާންސް ޚިދުމަތް ބޭރުގެ ޤައުމުތަކަށް ފުޅާކުރުމުގެ ގޮތުން، ތައިލޭންޑް އަދި ދުބާއީއަށް ބަލިމީހުން އުފުލުމަށް ދާދިފަހުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ހެލްތް މިނިސްޓްރީއާއި، އައިލޭންޑް އެވިއޭޝަންގެ އިތުރުން އެންސްޕާ އިންނެވެ.



