ތޫފާން ”ދިޓްވާ“ ގެ ސަބަބުން މަރުވި މީހުންގެ އަދަދު އިތުރުވުމާއެކު ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކޭ، އެ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފިއެވެ.
ޑިޒާސްޓާ އޮފިޝަލުން ބުނާ ގޮތުގައި މި ތޫފާނުގެ ސަބަބުން ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމާއި އިމާރާތްތައް ބިމާ ހަމަވުމުގެ ސަބަބުން އަސަރު ކުރި 12 ޑިސްޓްރިކްޓަކުން ޖުމްލަ 123 މީހަކު މަރުވެ، މަދުވެގެން 130 މީހުން ވަނީ ގެއްލިފައެވެ.
ބޯކޮށް ވާރޭވެހި މަގުތައް ހަލާކުވެ، ކަރަންޓާއި މުއާސަލާތީ ހިދުމަތްތަކަށް ގިނަ ދުވަސްތަކެއް ވަންދެން ބުރޫއެރުމާއި ގުޅިގެން ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ކުރިއަށް ދާ ކަމަށް ވެސް އެ އޮފިޝަލުން ވަނީ ބުނެފައެވެ. ފުލުހުންނާއި ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރ (ޑީއެމްސީ)ގެ ޓީމުތަކާއި ވޮލަންޓިއަރުން ދަނީ އެއްވެސް ހަބަރެއް ލިބިފައިނުވާ ސަރަހައްދުތަކަށް ވާސިލްވުމަށް 24 ގަޑިއިރު އޮޕަރޭޝަންތައް ހިންގަމުންނެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއެކު ރައީސް ޑިސަނާޔަކޭއަށް ވަނީ ރިލީފް، ރެސްކިއު، އަދި ރިހެބިލިޓޭޝަންގެ މަސައްކަތްތައް އަވަސް ކުރުމަށް ހާއްސަ ގަވާއިދުތަކެއް ނެރުމުގެ ބާރު ލިބިފައެވެ. އަދި ޒަރޫރީ ހިދުމަތްތައް އެއްކުރުމާއި، ކުއްލި ހާލަތުގައި ފައިސާ ދޫކުރުމާއި، ފުރާނައާއި މުދާ ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒުކުރުމުގެ ފުރުސަތު މި ފިޔަވަޅާއެކު ކަމާބެހޭ ފަރާތްތަކަށް ލިބިގެންދާނެއެވެ.
ސަރުކާރުގެ މަސްދަރުތަކުން ބުނީ މި ފިޔަވަޅާއެކު އެހީ ބެހުމާއި، ރައްކާތެރި ސަރަހައްދުތަކަށް މީހުން ބަދަލު ކުރުމަށް އެހީތެރިވުމާއި، ގެދޮރު ގެއްލިފައިވާ ޖަމާއަތްތައް ހިމާޔަތްކުރުމާއި، ގައުމީ އަދި ބައިނަލްއަގްވާމީ އެހީތައް ރާވާ ހިންގުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.
ތޫފާން ”ދިޓްވާ“ ގެ ސަބަބުން މެދުތެރޭ، ސަބަރަގަމުވާ، ހުޅަނގު އުތުރު، އަދި މެދުތެރޭގެ ޕްރޮވިންސްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެތައް ހާސް ބައެއްގެ ގެދޮރު ގެއްލި، މުހިންމު އިންފްރާސްޓްރަކްޗަރަށް ގެއްލުން ލިބިފައިވެއެވެ.
ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ ފެންގަނޑު ހިނދި، ވަދެވެން ނެތް ސަރަހައްދުތަކަށް ވާސިލްވެވުމުން ގެއްލުން ލިބިފައިވާ މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް ބެލެވޭ ކަމަށެވެ.



