ހެންވޭރުގައި ހުންނަ އަލް ޒައިކާ ކެފޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން ބުނީ، މި ހާދިސާގެ ރިޕޯޓް 12:44 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް، މާލޭ ފަޔަރ ސްޓޭޝަނަށް ލިބުމާ އެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިކަމަށެވެ.
މިގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ 13:00 ހާއިރުކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ނޭޝަނަލް ޑިސާސްޓާ މެނޭޖްމަންޓުން (އެންޑީއެމްއޭ) ބުނިގޮތުގައި އަލްޒައިކާ ކެފޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެ އޮތޯރިޓީއިން ވަނީ ހަރަކާތްތެރިވެފައެވެ.
މި ހާދިސާގައި ބިދޭސީއެއްގެ ފައި ކޮންމެވެސް ވަރަކަށް ފިހުނު ނަމަވެސް އެއްވެސް މީހަކަށް އިންސާނީ އެހީ ބޭނުންވާ ހާލަތަކަށް ގޮސްފައިނުވާކަމަށް އެންޑީއެމްއޭއިން ބުންޏެވެ.



