ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ދީޕިކާ ޕަޑުކޯން އާއި ރަންބީރު ކަޕޫރް، އެކުގައި ފިލްމެއް ކުޅެފައި ނުވާތާ 10 އަހަރު ފަހުން އަނެއްކާވެސް އެކުގައި މަސައްކަތްކުރަން އުޅޭ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.
ކުރީގެ ލޯބިވެރިން ކަމަށްވާ މި ދެ ތަރިންގެ މި ފިލްމު ޑައިރެކްޓުކުރަނީ އެ ދެ ތަރިންގެ ކާމިޔާބު ފިލްމުތައް ކަމަށްވާ ”ޔޭ ޖަވާނީ ހޭ ދީވާނީ“ އާއި ”ބްރަމާސްތުރަ“ ގެ ޑައިރެކްޓަރު އަޔަން މުކަރްޖީއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި، މި ފިލްމަކީ 1956 ވަނަ އަހަރު ރިލީޒްކުރި، ލެޖެންޑްރީ އެކްޓަރުން ކަމަށްވާ ރާޖް ކަޕޫރާއި ނަރްގިސް ލީޑް ރޯލު ކުޅުނު ކްލާސިކް ފިލްމު ”ޗޯރީ ޗޯރީ“ގެ އެޑަޕްޓޭޝަނެކެވެ. ނަމަވެސް، އާ ޒަމާނަށް ބައްޓަންކޮށް ގެނެސްދޭ މި ފިލްމުގެ ޕްލޮޓުގައި އޮރިޖިނަލް ފިލްމާ ވަރަށް ބޮޑެތި ތަފާތުތަކެއް ހުންނާނެއެވެ.
އޮރިޖިނަލް ”ޗޯރީ ޗޯރީ“ އަކީ ގަދަކަމުން ކައިވެނިކުރުވަން އުޅުމުން އެކަމާ ދެކޮޅު ހަދައި، އާއިލާއަށް ފިލައިގެން އުޅޭ އަންހެނަކަށް ނޫސްވެރިޔަކާ ދިމާވެ، ލޯބީގެ ގުޅުމެއް ފެށިގެންދާ ގޮތް ދައްކުވައިދޭ ކާމިޔާބު ފިލްމެކެވެ. މި ފިލްމު އުފައްދަނީ ރަންބީރްގެ މުނިކާފަ ރާޖް ކަޕޫރްގެ ނަމުގައި ކުރިން ހިންގި ފިލްމު ޕްރޮޑަކްޝަން ”އާރުކޭ ފިލްމްސް“ގެ ދަށުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި، ރަންބީރް މި ނިންމުން ނިންމީ ރާޖް ކަޕޫރްގެ ފިލްމީ ލެގަސީ ދަމަހައްޓައި، މި ޕްރޮޑަކްޝަން ހައުސް އަލުން ދިރުވުމުގެ ބޭނުމުގައެވެ.
ރަންބީރާއި ދީޕިކާ އެކުގައި އެންމެ ފަހުން ފެނިގެން ދިޔައީ 2015 ވަނަ އަހަރު ރިލީޒްކުރި ”ތަމާޝާ“ އިންނެވެ. މީގެ އިތުރުން، އަޔަން މުކަރްޖީ ޑައިރެކްޓުކުރި، ގިނަ ބެލުންތެރިންގެ ލޯބި ލިބުނު ފިލްމު ”ޔޭ ޖަވާނީ ހޭ ދީވާނީ“ (2013) ގައި ވެސް އެ ދެ ތަރިން ވަނީ އެކުގައި މަސައްކަތްކޮށްފައެވެ.
މި ދެ ތަރިންގެ އަމިއްލަ މަސައްކަތްތަކަށް ބަލާއިރު، ރަންބީރްގެ ކުރިއަށް އޮތް ފިލްމުތަކުގެ ތެރޭގައި ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ”ލަވް އެންޑް ވޯ“ ނިތޭޝް ތިވާރީގެ ”ރަމަޔާނާ“ ހިމެނެ އެވެ.
ދީޕިކާ މިހާރު މަސައްކަތްކުރަމުން އަންނަނީ ސުޕަސްޓާރު ޝާހްރުކް ޚާނާއެކު ކުޅޭ، ކުރިއަށް އޮތް ފިލްމު ”ކިންގް“ ގަ އެވެ.




