ބ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތުގެ ބިންގާ އަޅައިފިއެވެ.
ބ. އަތޮޅު ހޮސްޕިޓަލަށް އިތުރުކުރާ އާ އިމާރާތުގެ ބިންގާ އެޅުމަށް މިއަދު އެރަށުގައި ވަނީ، ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ، ހެލްތް މިނިސްޓަރު ޢަބްދުﷲ ނާޠިމް އިބްރާހިމެވެ.
މި ރަސްމިއްޔާތުގައި އޭދަފުށީ ކައުންސިލްގެ ރައީސްއާއި، ކައުންސިލް އިދާރާގެ މެމްބަރުންނާއި، ބ. އަތޮޅު ހޮސްޕިޓަލްގެ އިސްވެރިންގެ އިތުރުން ހެލްތް މިނިސްޓްރީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ބ. އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަަތަކީ، ސަރުކާރުން ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީއާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ ޚާއްސަ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ބ. އޭދަފުށީގައި 50 އެނދުގެ މުޅިން އައު ހޮސްޕިޓަލެއް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. 181.7 މިލިޔަން ރުފިޔާގެ މިމަޝްރޫޢު އާރްޑީސީއާ ހަވާލުކޮށްފައިވަނީ، 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
އޭދަފުށީގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލަކީ، އެއަތޮޅުގެ ގިނަ ރައްޔިތުން ބަރޯސާވާ މައި ހޮސްޕިޓަލެކެވެ. މިގޮތުން ކޮންމެ ދުވަހަކުވެސް އެތަކެއް ރައްޔިތުންނެއް ޑޮކްޓަރަށް ދެއްކުމަށް އެ ހޮސްޕިޓަލަށް ޒިޔާރަތްކުރެއެވެ.
ސަރުކާރުން ދަނީ، ރާއްޖޭގެ އަތޮޅު ތެރޭގައި ދެމުންދާ ސިއްޙީ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.



