ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް ނަސްރީން މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ނަސްރީން މި މަގާމަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު 24 ގައެވެ.
ނަސްރީން އެ މަގާމަށް އައްޔަން ކުރެއްވީ އޭނާގެ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ސައީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ސައީދުގެ ކުރިން އެ މަގާމުގައި ހުންނެވީ ޒީނާ ޒާހިރެވެ. ޒީނާ ވެސް ވަނީ ދުވަސްކޮޅަކު މެނޭޖިން ޑިރެކްޓަރުކަން ކުރެއްވުމަށް ފަހު އިސްތިއުފާ ދެއްވައިފައެވެ.
ނަސްރީން އިސްތިއުފާ ދެއްވި ސަބަބެއް އެނގިފައެއް ނުވެ އެވެ.
ނަސްރީނަކީ ޕީއެސްއެމްގައި ހިދުމަތް ކުރައްވާތާ 10 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ބޭފުޅެކެވެ. އޭނާ ވަނީ މެލޭޝިއާގެ ލިމްކޮކް ޔުނިވާސިޓީން ބެޗްލާސް ޑިގްރީ ހާސިލުކުރައްވައިފައެވެ.
މީގެ އިތުރުން ތައިލެންޑުގެ ކޮލެޖް އޮފް އިނޮވޭޝަން އެޓް ތަމަސަޓް ޔުނިވާސިޓީން ސާވިސް އިނޮވޭޝަންގެ ދާއިރާއިން މާސްޓާސް ޑިގްރީވެސް ވަނީ ހާސިލުކުރައްވައިފައެވެ.




