ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގައި ހިނގި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 153އަށް އަރައިފި އެވެ.
މި ހާދިސާގައި ބޮޑެތި ގެއްލުންތަކެއް ލަންކާއަށް ލިބިފައިވާއިރު، މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.
ލަންކާގެ ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން ބުނިގޮތުގައި، ތޫފާނުގެ ސަބަބުން 153 މީހުން މަރުވުމުގެ އިތުރުން 203 މީހަކު ވަނީ ގެއްލިފައެވެ. ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގެ ސަބަބުން ގާތްގަނޑަކަށް 15،000 ގެއެއް ހަލާކުވެފައިވާއިރު، 44،000 އަށް ވުރެ ގިނަ މީހުން ވަނީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައެވެ.
މީހުން ސަލާމަތް ކުރުމުގެ މަސައްކަތްތައް ސިފައިންނާއި އެހެނިހެން އިދާރާތަކުން ދަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ.
ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން ލަންކާއިން ވަނީ އެގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ ގައުމުތަކުގެ ކިބައިން އެދިފައެވެ. އެގޮތުން ލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާއިން ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ.
މީގެ އިތުރުން، ލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، 50،000 ޑޮލަރާއި 25،000 ކޭސް މަސްދަޅު ހަދިޔާކުރަން ދިވެހި ސަރުކާރުން ވެސް ވަނީ ނިންމައިފައެވެ.



