އެސްޓީއޯގެ މަޝްހޫރު ބްރޭންޑެއް ކަމުގައިވާ ހިޓާޗީގެ ޕަރޓްނަރޝިޕަށް 25 އަހަރު ފުރުމުގެ މުނާސަބާ ކުލަގަދަ ގޮތެއްގައި ފާހަގަ ކޮށްފިއެވެ.
މި މުނާސަބާ ފާހަގަ ކުރުމަށްޓަކައި 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވީ ހުކުރު ދުވަހުގެ ރޭ ބާސެލޯ ނަސަންދުރާގައި ވަނީ ވަރަށް ހާއްސަ ހަފްލާއެއް ބާއްވާފައެވެ.
މި ހަފްލާގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވީ ޖަޕާނުން ރާއްޖެއަށް ކަނަޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ. މީގެ އިތުރުން ހިޓާޗީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރާއި އެ ކުންފުނީގެ އިތުރު އިސް ބޭފުޅުން ވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންފައެވެ.
އެސްޓީއޯގެ ފަރާތުން ޗެއަރމަން އާމިރު މަންސޫރު، ބޯޑު މެމްބަރުން، މެނޭޖިންގް ޑިރެކްޓަރ ޝިމާދު އިބްރާހިމް އަދި ކުރީގެ ބައެއް އިސް ބޭފުޅުންވެސް މި ހަފްލާގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ހަފްލާގެ ތެރެއިން ރާއްޖޭގައި ވިއްކާ ހިޓާޗީ ބްރޭންޑްގެ އުފެއްދުންތަކުގެ ތެރެއިން ހޮވާލެވިފައިވާ ޕްރޮޑަކްޓްތައް ޑިސްޕްލޭކުރެވުނެވެ. މީގެ އިތުރުން، މި 25 އަހަރުވީ ޕަރޓްނަޝިޕްގައި އެންމެ ގިނައިން ހިޓާޗީ ޕްރޮޑަކްޓްތައް ބައްލަވައި ގެންނެވި 4 ކަސްޓަމަރެއް އަގުވަޒަންކޮށް އެވޯޑް ދެވުނެވެ. އެންމެ ހާއްސަ ކަމެއްގެ ގޮތުން، މި ހަފްލާގައި ހިޓާޗީއިން އަލަށް ތަޢާރަފް ކުރެވުނު ’ހިޓާޗީ ނިއު އެއަރ‘ ރޭންޖްގެ ޕްރޮޑަކްޓްތައް ލޯންޗު ކުރެވިގެން ދިޔައެވެ.

ގަރުނަކަށް ވުރެ ގިނަ ދުވަސްވީ ތާރީޚެއް އޮތް ހިޓާޗީ ކުންފުނީގެ އުފެއްދުންތައް ރާއްޖެއަށް ތަޢާރަފްކުރެވުނީއްސުރެ، ދިވެހީންގެ މެދުގައި މި ބްރޭންޑުގެ އުފެއްދުންތަކަށް ވަނީ ބޮޑު މަގުބޫލުކަމާއި އިތުބާރެއް ލިބިފައެވެ. އެސްޓީއޯއިން ފާހަގަކުރި ގޮތުގައި ހިޓާޗީގެ އޭސީ ތަކާއި އައިސް އަލަމާރިތައް ފަދަ ޕްރޮޑަކްޓްތަކަކީ ގިނަބަޔެއްގެ ގެތަކުން މިހާރުވެސް ޖާގަ ހޯދަމުން އަންނަ އުފެއްދުންތަކެކެވެ. މިއަދާ ހަމައަށްވެސް އެ އިތުބާރު ދަމަހައްޓާފައިވާކަން އެސްޓީއޯއިން ފާހަގަކުރިއެވެ.
އެސްޓީއޯއިން ފާހަގަކުރި ގޮތުގައި މި އިވެންޓުގެ އަމާޒަކީ މި ދެ ކުންފުނީގެ ދެމެދުގައި އޮތް ގުޅުމާއި އިތުބާރު އިތުރަށް ވަރުގަދަވެ، މުސްތަގުބަލުގައި މިފަދަ މުހިއްމު މަރުހަލާތަކާއި ކާމިޔާބީތައް ފާހަގަކުރުމެވެ.
އެގޮތުން، މި ހަފުލާއަކީ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރަން އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.




