ލަންކާ ޓެލެތޯންއަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލިމެންޓްރީ ގްރޫޕް (ޕީޖީ)ން 300,000 ރުފިޔާ ހަދިޔާކޮށްފިއެވެ.
މިއަދު ކުރިއަށްގެންދާ މި ޓެލެތޯނަކީ ސްރީލަންކާއަށް އެރި ތޫފާން ”ދިތުވާ“ ގައި ގަދަވަޔާ ބޯވާރެއާއެކު ބިންގަނޑު ކަނޑައިގެން ދިއުމުގެ އެކި ހާދިސާތައް ހިނގުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ޕީއެސްއެމް އިން އިސްނަގައިގެން ކުރިއަށްގެންދާ ޓެލެތޯނެކެވެ.
ޓީވީއެމް ސްޓޫޑިއޯގައި މިހާރު ކުރިއަށްގެންދާ މި ހާއްސަ ޓެލެތޯން ލައިވްގައި ޕީއެންސީ ޕީޖީ ގްރޫޕްގެ ގިނަ ބޭފުޅުންނާއެކު މި ފައިސާ ހިމެނޭ ރަމްޒީ ޗެކް ހަވާލުކޮށްދެއްވާފައިވާއިރު، ޗެކާއި ހަވާލުވެވަޑައިގެންނެވީ ޕީއެސްއެމްގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޔާމީން ރަޝީދެވެ.
މި ޓެލެތޯންގައި މާލެ އަދި ހުޅުމާލޭގެ 15 ސަރަހައްދެއްގައި ފަންޑު ފޮށިތައް ބަހައްޓާފައިވާއިރު، ފައިސާ ޓްރާންސްފާ ކުރެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.
މިހާތަނަށް މި ޓެލެތޯންއަށް 1.4 މިލިއަން ދިވެހި ރުފިޔާ އާއި 37،000 އަށްވުރެ ގިނަ ޑޮލަރު ލިބިފައި ވެއެވެ.
ޗެކް ހަވާލުކުރެއްވުމަށް ފަހު ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ލަންކާއަކީ ރާއްޖެއާ ވަރަށް ގާތް ގައުމެއް ކަމަށާއި، ދިވެހިން އެންމެ ގިނައިން ދަތުރު ކުރާ އެއް ގައުމު ކަމަށެވެ. އަދި އެއް ގައުމެއްގެ ރައްޔިތުން އެންމެ ގިނައިން ރާއްޖޭގައި ދިރިއުޅޭ އެއް ގައުމަކީވެސް ލަންކާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
”މި ހުރިހާ ގޮތަކަށް ބަލާއިރު، ސްރީ ލަަންކާ އާއި ރާއްޖެއާ މިއީ ވަރަށް ގާތް އެއްބަނޑު އެއްބަފާ ގުޅުމެއް ޒަމާނުއްސުރެ އުފެދިފައި އޮތް ދެ ގައުމު. ލަންކާއަށް މިފަދަ ހިތާމަވެރި ކާރިސާއެއް ކުރިމަތިވުމާއި އެކީގައި އެންމެ ފުރަތަމަ އިސްކަމެއް ނެންގެވި ގައުމެއްގެ ގޮތުގައި މި ފާހަގަވަނީ ރާއްޖެ،“ އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްނެންގެވުމުގެ މަތިން، ލަންކާގެ ސަރުކާރުން އެހީއަށް އެދިވަޑައިގެންނެވުމުން، އެންމެ ފުރަތަމަ އެހީތެރިދެއްވި ގައުމެއްގެ ގޮތުގައި ރާއްޖެ ހިމެނޭ ކަމަށެވެ. މިއީ އަވައްޓެރި ގައުމުތަކާއި އެކީގައި ސަރުކާރުން ގެންގުޅޭ ހާރިޖީ ސިޔާސަތުގެ ވަރުގަދަ ކަމާއި، ހަރުދަނާ ކަން ދައްކުވައިދޭ ކަމެއް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާޙިމް ފަލާހް ވިދާޅުވީ، ލަންކާ އާއި ރާއްޖެއަކީ ވަރަށް ގާތް ގުޅުމެއް އޮންނަ، އެއްބަނޑު އެއްބަފާ ދެ ގައުމު ކަމަށެވެ.
މި ޓެލެތޯނު މިއަދު ހެނދުނު 9 އިން ފެށިގެން މިރޭ މެންދަމު އެކެއް ޖެހުމާ ހަމައަށް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.



