ދެކުނު އޭޝިޔާ ސަރަޙައްދުގައި އުފެދިފައިވާ ބާރުގަދަ ތޫފާން، ދިތުވާ އިންޑިޔާގެ އިރުދެކުނު އައްސޭރިފަށުގެ ސަރަޙައްދުތަކަށް އެރުމާ ގުޅިގެން ހިނގި ނުރައްކާތެރި ހާދިސާތަކެއްގައި ތިން މީހުން މަރުވެއްޖެއެވެ.
ސްރީ ލަންކާގެ ސަރަޙައްދުތަކަށް އަރައި ބޮޑެތި ގެއްލުންތަކެއް ދިނުމަށް ފަހު ތޫފާން ދިތުވާ އިންޑިޔާގެ ސަރަޙައްދުތަކަށް އަރާފައި ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. ތޫފާނާ ގުޅިގެން ހިނގި ހާދިސާތަކުގައި ސްރީ ލަންކާއިން މަރުވި މީހުންގެ އަދަދު ވަނީ 190 އަށް ވުރެ މައްޗަށް އަރައިފައެވެ.
ތަމިލް ނާޑޫގެ އައްސޭރިފަށުގެ ސަރަޙައްދަށް ތޫފާން ދިތުވާ އެރުމާ ގުޅިގެން ހިނގި ހާދިސާތަކުގައި މިހާތަނަށް ތިން މީހަކު މަރުވެފައިވާ ކަން އެ ސްޓޭޓްގެ އާމްދަނީއާއި ކާރިސާތަކާ ބެހޭ ވަޒީރު ކޭކޭއެސްއެސްއާރް ރާމްޗަންދްރަން ކަށަވަރު ކޮށްދެއްވިއެވެ. އޭގެ ތެރެއިން ދެ މީހަކު މަރުވީ ތަންޖާވުރާއި ތޫތުކުޑީގައި ފުރާޅުތަކެއް ވެއްޓި، އޭގެ ދަށުވެގެންނެވެ. ތިންވަނަ މީހާ މަރުވީ މައިލާދުތުރައީގައި ކަރަންޓުގައި ޖެހިގެންނެވެ.
ރާމްޗަންދްރަން ވިދާޅުވީ، ތޫފާނާ ގުޅިގެން ހިނގި ފެންބޮޑުވުމުގެ ހާދިސާތަކުގައި 149 ނައަމްސޫފި މަރުވެފައިވާ ކަމަށާއި، 57,000 ހެކްޓަރުގެ ދަނޑުބިން ހަލާކުވެފައިވާ ކަމަށެވެ.
ބާރު ވަޔާ އެކު މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭވެހެމުން ދިޔުމާ ގުޅިގެން ގެދޮރުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ބަޔަކު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައެވެ.
ރާމްޗަންދްރަން ވިދާޅުވީ، މިހާތަނަށް 2,300އަށްވުރެ ގިނަ މީހުން ވަގުތީ ހިޔާތަކަށް ބަދަލު ކޮށްފައިވާ ކަމުގައެވެ.
ތަމިލް ނާޑޫގެ އިތުރުން އިންޑިޔާގެ އިރުދެކުނުގައި އޮތް ޕުދުޗެރީގެ ސަރަޙައްދުތަކާއި އަންދްރަ ޕްރަދޭޝް ސްޓޭޓްގެ ދެކުނުގެ ސަރަޙައްދުތަކަށް ވެސް ތޫފާނުގެ އަސަރު ދަނީ ކުރަމުންނެވެ. ތޫފާނުގެ ނުރައްކާ އިތުރުވަމުން ދިޔުމާ އެކު ތަމިލް ނާޑޫ ސްޓޭޓްގެ ވެރިރަށް ޗެންނައިގައި ރަތް ސަމާލު އިޢުލާނު ކޮށްފައިވާއިރު، ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް އިންޑިޔާގެ މޫސުމާ ބެހޭ އިދާރާއިން ވަނީ އައްސޭރިފަށުގައި ދިރިއުޅޭ ރައްޔިތުންނަށް އިރުޝާދު ދީފައެވެ.
ތަމިލް ނާޑޫން މި ވަގުތު ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރަމުން ދަނީ ވޭދާރާނިޔަމްގައި އޮތް ކޯޑީއާކްރާއީ ގޮނޑުދޮށް އޮތް ސަރަޙައްދަށެވެ.



