ސްރީލަންކާއަށް އެރި ބާރުގަދަ ”ޑިޓްވާ“ ތޫފާނުގެ ސަބަބުން މަރުވި މީހުންގެ އަދަދު 212 އަށް އަރައިފިކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.
ލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) އިން ބުނީ، މި ތޫފާނުގެ އަސަރުކޮށް 212 މީހުން މަރުވެފައިވާއިރު، 218 މީހުން ގެއްލިގެން ހޯދަމުންދާ ކަމަށެވެ.
މި ކާރިސާގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ބަދުއްލާ ޑިސްޓްރިކްޓަށެވެ. އެ ސަރަހައްދުން އެކަނިވެސް 71 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެެއެވެ. ރަސްމީ އިދާރާތަކުން ބުނެފައިވާ ގޮތުގައި ތޫފާން ދިތުވާގެ އަސަރު އެ ޤައުމުގެ އެއް މިލިޔަން މީހުންނަށް ކޮށްފައިވެއެވެ.
އިޤްތިޞާދީ އަނދަވަޅަކުން އަރައިގަންނަން މަސައްކަތް ކުރަމުންދާ ސްރީ ލަންކާއަށް ކުރިމަތިވި ތޫފާނުގެ ސަބަބުން އިތުރު ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާއިރު، ތޫފާނުގެ ސަބަބުން ފަތުރުވެރިކަމާއި ދަނޑުވެރިކަމުގެ ޞިނާޢަތްތަކަށް ބޮޑު ލޮޅުމެއް އަރާނެ ކަމަށް ބެލެވެއެވެ.
ލަންކާގެ އިތުރުން ތޫފާން ދިތުވާގެ އަސަރު ވަނީ ދިވެހިރާއްޖެއާއި އިންޑިޔާއަށް ވެސް ކޮށްފައެވެ. އެ ގޮތުން އިންޑިޔާގެ ތަމިލް ނާޑޫގެ ސަރަޙައްދުތަކަށް ވަނީ ރަތް ސަމާލު ނެރެފައެވެ.
ތަމިލް ނާޑޫގެ އިތުރުން އިންޑިޔާގެ އިރުދެކުނުގައި އޮތް ޕުދުޗެރީގެ ސަރަޙައްދުތަކާއި އަންދްރަ ޕްރަދޭޝް ސްޓޭޓްގެ ދެކުނުގެ ސަރަޙައްދުތަކަށް ވެސް ތޫފާނުގެ އަސަރު ދަނީ ކުރަމުންނެވެ.
މިސަރަހައްދުތަކުން މިހާތަނަށް ތިން މީހުންވަނީ މަރުވެފައެވެ.



