މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ރ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.
މެޓުން މިސަރަހައްދުތަކަށް ހުދު ސަމާލު ނެރުނީ މިއަދު ހަވީރު 16:30 އިން މިރޭ 22:30އަށެވެ.
މެޓުން ބުނީ، މިވަގުތުތަކުގައި އެސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ރާއްޖެއާ ކައިރިން ދެ ސަރަޙައްދެއްގައި އުފެދުނު ތޫފާންތަކުގެ ސަބަބުން މިވޭތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވަނީ ވިއްސާރަކޮށްފައެވެ. މެޓް އޮފީހުން ބުނާގޮތުގައި މި ދެ ތޫފާނަކީ މެލޭޝިއާ ސަރަޙައްދުގައި އުފެދުނު ތޫފާނަކާއި، ސްރީލަންކާ ސަރަޙައްދުގައި އުފެދުނު ތޫފާނެކެވެ.
މި ދެ ތޫފާނުގެ ސަބަބުން ރާއްޖޭގެ މޫސުމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.
މެލޭޝިއާ ސަރަޙައްދުގައި އުފެދިފައިވާ ތޫފާނުގެ ބާރު މިހާރު ދަށްވެފައިވާއިރު، ލަންކާ ސަރަޙައްދުގައި އުފެދުނު ތޫފާން ރާއްޖެއާއި ދުރަށް ދަތުރުކުރަމުންދާ ނަމަވެސް، އެ ތޫފާނާ ގުޅިގެން އުފެދިފައިވާ ވިއްސާރަ ވިލާތައް ދަނީ ރާއްޖެ ސަރަޙައްދަށް އަރަމުންނެވެ.
މޫސުން ކޮންމެވެސް ވަރަކަށް އަންގާރަ ދުވަހުން ފެށިގެން އަލިކުރާނެކަމަށް ލަފާކުރެވުނު ނަމަވެސް، މޫސުން އެއްކޮށް އަލިނުވާނެކަމަށް މެޓު އޮފީހުން ބުނެއެވެ.
އެހެންކަމުން ކުރިއަށް އޮތް ހަފްތާގެ ތެރޭގައިވެސް ދަތުރުފަތުރުކުރާ ފަރާތްތަކާއި، އާންމުންވެސް މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.



