ސްރީލަންކާއަށް އެރި ބާރުގަދަ ތޫފާން ދިތުވާ އާ ގުޅިގެން އެޤައުމަށް ލިބުނު ގެއްލުންތަކަށް އެހީވުމުގެ ގޮތުން، ސަން ސިޔާމް ގްރޫޕްގެ ފަރާތުން ލަންކާއަށް ދެ ލައްކަ ޑޮލަރު ހަދިޔާކުރަން ނިންމައިފިއެވެ.
މި އެހީގެ ރަމްޒީ ޗެކް، ސަން ސިޔާމް ގްރޫޕުގެ ބާނީ އަޙްމަދު ސިޔާމް މުޙައްމަދު ވަނީ މިއަދު ސްރީލަންކާގެ ސަފީރު މުޙައްމަދު ރިޒްވީ ހަސަންއާ ބައްދަލުކުރައްވައި ހަވާލުކޮށްދެއްވާފައެވެ.
މި އެހީގެ ތެރެއިން މިއަދު ވަނީ 75,000 ޑޮލަރުގެ ފައިސާ ހަވާލުކޮށްފައެވެ. އަދި ބާކީ ފައިސާ ކުރިއަށް އޮތް ދުވަސްތަކުގައި ހަވާލުކުރުމަށް ވަނީ ނިންމައިފައެވެ.
މީގެ އިތުރުން، ސިޔާމް ވިދާޅުވީ މާދަމާއިން ފެށިގެން، ސަން ސިޔާމް ގްރޫޕުގެ ދަށުން ހިންގާ ކުންފުނިތަކާއި ރިސޯޓުތަކުގައި ލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފަންޑްރެއިޒްކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.
ތޫފާން ދިތުވާގެ ސަބަބުން ސްރީ ލަންކާ އަށް އާދަޔާ ހިލާފަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ އިތުރުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ވެސް ވަނީ ހިނގާފަ އެވެ. ލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނި ގޮތުގައި މި ވިއްސާރައާ ގުޅިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 200 އަށް ވުރެ މައްޗަށް އަރާފައެވެ. އަދި 20,000 އަށް ވުރެ ގިނަ ގެތައް ހަލާކުވެފައިވާއިރު، ވަގުތީ ހިޔާތަކުގައި 108,000 އަށް ވުރެ ގިނަ މީހުން ދިރިއުޅެމުން އެބަދެއެވެ.
މިއީ 2003 ވަނަ އަހަރުގެ ފަހުން ލަންކާއަށް ކުރިމަތިވި އެންމެ ބޮޑު ގެއްލުން ލިބުނު ތޫފާނެވެ.
ލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ރާއްޖޭގެ މީޑިއާތައް ގުޅިގެން މިއަދު އަންނަނީ ޓެލެތޯނެއް ވެސް ބާއްވަމުންނެވެ. މި ޓެލެތޯނަށް މިހާތަނަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ އާއި 37000 އަށް ވުރެ ގިނަ ޑޮލަރު ލިބިފައިވެއެވެ.



