ސްރީލަންކާއަށް އެރި ތޫފާނާ ގުޅިގެން ފެންބޮޑުވެ ހާލުގައި ޖެހިފައިވާ ދިވެހި ތިން އާއިލާއަކަށް ދިވެހި ހައި ކޮމިޝަނުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މި ތިން އާއިލާ ވެސް ހާލުގައި ޖެހިފައި ތިބީ ލަންކާގެ ކޮލަމްބޯގެ މަލާބޭ ސަރަހައްދުގައި، ފެންބޮޑުވެފައިވާ ގެތަކުގައެވެ.
ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ އޮފިޝަލަކު ވިދާޅުވީ، މި ތިން އާއިލާ ވެސް ސަލާމަތް ކުރީ އެއް ސަރަހައްދަކުން ކަމަށާއި، މި މަސައްކަތް ކުރިއަށް ގެންދިޔައީ ފުލުހުންނާ މަޝްވަރާކޮށްގެން ރެސްކިއު ބޯޓުތައް ބޭނުންކޮށްގެން ކަމަށެވެ.
އެމްބަސީން ވިދާޅުވީ، އެ އާއިލާތަކުގައި ކުޑަކުދިން ހިމެނޭހެން 12 މީހުން ތިބިކަމަށެވެ. އަދި އެމްބަސީގެ އޮފިޝަލުން އެ ސަރަހައްދަށް ދިޔައިރު، ގޭތެރެއަށް ފެން ވަދެ، ހަތް ފޫޓާ ހަމައަށް ފެންގަނޑު ބޮޑުވެފައިވާތީ، އާއިލާގެ މެމްބަރުން ތިބީ އެންމެ މަތީ ފްލޯގައިކަމަށް އެމްބަސީއިން ވިދާޅުވިއެވެ.
ސްރީލަންކާއަށް އެރި ތޫފާން ”ދިތުވާ” ގެ ސަބަބުން އެގައުމަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އެގޮތުން، ތޫފާނުގެ ސަބަބުން މަރުވި މީހުންގެ އަދަދު 334 އަށް އަރާފައިވާއިރު، ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުން އަންނަ މީހުންގެ އަދަދު ވެސް ވަނީ 370 އަށް އަރާފައެވެ.
މި ކާރިސާގައި އެންމެ ގިނަ ބަޔަކު މަރުވެފައިވަނީ ކޭންޑީންނެވެ. އެ ސަރަހައްދުން 88 މީހުން މަރުވެފައިވާއިރު، ބަޑުއްލާ އިން 71 މީހުންނާއި ނުވަރަލިއާ އިން 68 މީހުން ވަނީ މަރުވެފައެވެ. އަދި މަޓަލޭ ސަރަހައްދުން 23 މީހުން މަރުވެފައިވެއެވެ. މީގެ އިތުރުން، އެންމެ ގިނަ ބަޔަކު ގެއްލިގެން ރިޕޯޓުކޮށްފައިވަނީ ވެސް ކޭންޑީންނެވެ.
ތޫފާނުގެ އަސަރު 309،607 އާއިލާއެއްގެ 1،118،929 މީހުންނަށް ވަނީ ކޮށްފައެވެ.
ލަންކާގައި ތޫފާނުގެ އަސަރެއް މިހާރު ނެތް ނަމަވެސް، ބޯކޮށް ވެހުނު ވާރޭގެ ސަބަބުން އުސް ހިސާބުތަކުން ފައިބަމުންދާ ފެނުން ކެލާނީ ރިވަ ފުރި ބަންޑުންވަމުން ދާތީ ކޮލަމްބޯގެ އުތުރުގެ ބައެއް ހިސާބުތަކުގައި މިއަދު ވެސް ވަނީ ފެން ބޮޑުވެފައެވެ.
ލަންކާއަށް ފަހުގެ ތާރީހެއްގައި ކުރިމަތިވި ގުދުރަތީ އެންމެ ބޮޑު ކާރިސާގެ ސަބަބުން 25،000 އަށް ވުރެ ގިނަ ގެދޮރު ހަލާކުވެ، 147،000 އަށް ވުރެ ގިނަ މީހުން ވަނީ ވަގުތީ ހިޔާތަކަށް ދާން މަޖުބޫރުވެފައެވެ.



