ސްރީލަންކާއަށް ދިމާވެފައިވާ ކާރިސާގައި އެ ޤައުމަށް އެހީވުމަށް ރާއްޖޭން ކުރިއަށްގެންދާ މަސައްކަތުގައި ދިވެހީން ފޯރުކޮށްދޭ އެހީ ތާރީޚުގައި ރަން އަކުރުން ލިޔެވިގެންދާނެ ކަމަށް ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ރިޒްވީ ހަސަން ވިދާޅުވެއްޖެއެވެ.
ސަފީރު މިހެން ވިދާޅުވީ ލަންކާއަށް އެހީވުމަށް ހިންގި ”ސިލޯނާއެކު ދިވެހީން“ ޓެލެތޯންގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޓެލެތޯންގައި ވާހަކަފުޅުދައްކަވަމުން ސަފީރު ވަނީ ލަންކާއަށް އެހީވުމަށް ރާއްޖޭން ކުރަމުންދާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މުޅި ޤައުމު ގުޅިގެން އަވަށްޓެރި ޤައުމަކަށް އެހީވުމަށް މަސައްކަތް ކުރުމަކީ ދެ ޤައުމުގެ ގާތް ގުޅުން ހާމަވެގެންދާ ކަމެކެވެ.
”ދިވެހީންގެ ހިތްވަރު ފެނި ފެންކަޅިވި. މީ ދެ ޤައުމުގެ ތާރީޚުގައި ރަން އަކުރުން ލިޔެވިގެންދާނެ ކަމެއް.“ ސަފީރު ވިދާޅުވިއެވެ.
ޓެލެތޯނުގެ ހަރަކާތްތަކަށް އިޝާރާތް ކުރައްވައި ސަފީރު ވިދާޅުވީ، ކުރިން ޓެލެތޯނަކީ ކޮބައިކަންވެސް އެނގިވަޑައިނުގަންނަވާ ކަމަށާއި، ޓެލެތޯން ފެށިގެން ލިބެމުންދާ އެހީ ފެނި ފެންކަޅިވި ކަމަށެވެ. ސަފީރު ވަނީ މިފަދަ ހަރަކާތެއްގައި ލިބޭ އެއްޗަކަށްވުރެ ބޮޑަށް، މި ދަތި ދަނޑިވަޅުގައި ދިވެހީން ލަންކާގެ ރައްޔިތުންނާއެކު ތިބިކަން ސާބިތުކޮށްދިނުމަކީ އެންމެ މުހިންމުކަން ކަމަށް ވިދާޅުވެފައެވެ.
އަދި ރާއްޖެފަދަ ކުޑަ އާބާދީއެއް އޮތް ޤައުމަކުން ފޯރުކޮށްދޭ އެހީތެރިކަމަކީ ކުޑަ އެއްޗެއް ކަމުގައި ހީވިނަމަވެސް އެއީ ހަގީގަތުގައި ލަންކާގެ ރައްޔިތުންނަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.
ދިވެހީން ފޯރުކޮށްދޭ އެހީ ހެޔޮ ގޮތުގައި ހޭދަކުރެވޭނެކަމުގެ ޔަގީންކަން ދެއްވަމުން ސަފީރު ވިދާޅުވީ، ޓެލެތޯނުން ހަދިޔާ ކުރާ ފައިސާ ހޭދަކުރެވޭނީ ޤައުމު އާރާސްތުކުރުމަށް ކަމަށެވެ. އެގޮތުން، މަގު ހެދުމާއި އިމާރާތްތައް ހެދުމާއި ދަނޑުބިންތައް އަލުން އާރާސްތުކުރަން މި ފައިސާ އެހީއަކަށްވެގެންދާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.
ޤައުމުތަކުގެ ގުޅުން ހާމަވެގެންދާނީ މިފަދަ ހިތާމަވެރި ވަގުތުތަކުގައިކަން ފާހަގަކުރައްވައި ސަފީރު ވިދާޅުވީ، ލަންކާއަށް އެހީވުމަށް ދިވެހީން ދައްކަމުންދާ ހިތްވަރުން، ކުރިއަށް އޮތްތަނުގައިވެސް އެ ޤައުމަށް ދިމާވާ މިފަދަ ހިތާމަވެރި ހާލަތްތަކުގައި ދިވެހީން އެ ޤައުމުގެ ރައްޔިތުންނާއެކު ތިބޭނެ ކަމުގެ ޔަގީންކަން ލިބިގެންދާ ކަމަށެވެ. އަދި މިވާހަކަތައް ލަންކާގެ ޖީލުތަކަށް ކިޔައިދެވި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ސަފީރު ވިދާޅުވިއެވެ.
ޕީއެސްއެމުން އިސް ނަގައިގެން ރާއްޖޭގެ ގިނަ މީޑިއާތަކާ ގުޅިގެން ކުރިއަށްގެންދިޔަ ޓެލެތޯނަށްފަހުވެސް ލަންކާއަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް ރާއްޖޭގައި ހުންނަ ލަންކާގެ ހައި ކޮމިޝަން މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށްވެސް ސަފީރު ވަނީ ވިދާޅުވެފައެވެ.



