ސްރީލަންކާގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށް ހިންގި ”ސިލޯނާއެކު ދިވެހީން“ ޓެލެތޯނަށް ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ މުވައްޒަފުންގެ ފަރާތުން 1 ލައްކަ 13 ހާހަށް ވުރެ ގިނަ ރުފިޔާ ހާދިޔާކޮށްފިއެވެ.
ޕީއެސްއެމްއިން އިސްނަގައިގެން ރާއްޖޭގެ 38 މީޑީއާއަކާއި ގުޅިގެން ކުރިއަށް ގެންދިޔަ ޓެލެތޯނަށް ފައިސާ ބަލައިގަތުމުގެ ވަގުތު މެނދުރު ފަހު 2:00 ހަމައަށް ވަނީ ހަމަވެފައެވެ.
މި ޓެލެތޯނަށް ހަދިޔާކުރީ، ޕީއެސްއެމްގެ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ އެވެ. އެގޮތުން ޓެލެތޯނަށް މުވައްޒަފުންގެ ފަރާތުން ޖުމްލަ 113،646.83ރ. ވަނީ ހަދިޔާކޮށްފައެވެ.
މުވައްޒަފުންގެ ފަރާތުން ހަވާލުކޮށްދެއްވި ފައިސާގެ ރަމްޒީ ޗެކާއި ހަވާލުވީ ކުންފުނީގެ ޗެއަރޕާސަން އައިމިނަތު ނަމްޒާއެވެ.
ފައިސާގެ ރަމްޒީ ޗެކާއި ހަވާލުވުމަށް ފަހު ޗެއަރޕާސަން ނަމްޒާ ވިދާޅުވީ، މި ހަރަކާތް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވުމުގެ އަސްލަކީ މުވައްޒަފުންގެ ބުރަ މަސައްކަތް ކަމަށެވެ. އެގޮތުން ރާއްޖޭގެ އެހެން މީޑިއާތަކާއި ގުޅިގެން ޕީއެސްއެމްއިން އިސްވެ ކުރި މަސައްކަތަކީ ޤައުމީ ކަމެއްގެ ގޮތުގައި ބަލައިގެން ކުރި މަސައްކަތެއް ކަމަށް ނަމްޒާ ފާހަގަކުރެއްވިއެވެ.
އަދި އެއްބައިވަންތަކަމާއި އުޚޫވަތްތެރިކަމުގެ ނަމޫނާ ކުންފުނީގެ މުވައްޒަފުން އަބަދުވެސް ދައްކާ ކަމަށް ނަމްޒާ ވިދާޅުވިއެވެ.
މި ޓެލެތޯނަށް ޕީއެސްއެމްގެ ފަރާތުން ފައިސާ ހަދިޔާ ކޮށްފައިވާއިރު، ސަރުކާރު ހިއްސާވާ ގިނަ އަދަދެއްގެ ކުންފުނިތަކުންނާއި ދައުލަތުގެ އެކި އިދާރާތަކާއި ވުޒާރާތަކުންވެސް ވަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ރާއްޖޭގެ މީޑިއާތަކުން ފެށި މި ޚާއްސަ ޓެލެތޯނަށް މިހާތަނަށް 11 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ އެހީ ވަނީ ލިބިފައެވެ.




