ރަސްމާލެ ހިއްކުމުގެ ބިޔަ މަޝްރޫޢު އަވަސްކުރުމަށްޓަކައި ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރޭޖަރު ބޭނުންކުރަން ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މި ޑްރޭޖަރު ބޭނުންކުރަން ފެށުމާއެކު ރަސްމާލެ ހިއްކުމުގެ މަސައްކަތް 3 ގުނަ އަވަސްވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޕަރ ޑްރޭޖަރުކަމަށްވާ ކްރިސްޓޮބަލް ކޮލޮން މިހާރު ރަސްމާލެ ހިއްކުމުގެ މަސައްކަތުގައި ބޭނުންކުރަން ފަށާފައިވާ ކަމަށެވެ. މި ބިޔަ ޑްރޭޖަރުގެ ސަބަބުން މަސައްކަތުގެ ސްޕީޑް އިތުރުވެ، ރަސްމާލެ ހިއްކުމުގެ މަސައްކަތް 3 ގުނަ ހަލުއިވެގެންދާނެކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރަސްމާލެ ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށް ޖުމްލަ 3 ޑްރޭޖަރު ގެނައުމުގެ މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންމެ ފުރަތަމަ ވިދާޅުވެފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގައެވެ. މިހާރު ރަސްމާލެ ހިއްކުމުގެ މަސައްކަތުގައި ބޭނުންކުރަން ފަށާފައިވާ ކްރިސްޓޮބަލް ކޮލޮން އަކީ، އެމަނިކުފާނު ވިދާޅުވި 3 ޑްރޭޖަރުގެ ތެރެއިން 3 ވަނަ ޑްރޭޖަރެވެ.
މީގެ ކުރިން ވަނީ ރައީސް ވިދާޅުވި 2 ޑްރޭޖަރު ގެނެސް، ބިން ހިއްކުމުގެ މަސައްކަތް ފަށާފައެވެ.




