ސްރީލަންކާގެ މޫސުމީ ކާރިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށްޓަކައި، އެ ޤައުމުގައި ދިރިއުޅޭ ދިވެހިންގެ ފަރާތުން ޚާއްޞަ ޑޮނޭޝަން ޕްރޮގްރާމެއް ފަށައިފިއެވެ.
ލަންކާގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ރާއްޖޭގައި ޚާއްސަ ޓެލަތޯންއެއް ކުރިއަށްގެންގޮސްފައިވާއިރު، ލަންކާގައި ތިބި ދިވެހިންވެސް ވަނީ މިކަމުގައި ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްޞަ ޑޮނޭޝަން ޕްރޮގްރާމެއް ފަށާފައެވެ.
މި ޕްރޮގްރާމްގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެކި ބާވަތުގެ ތަކެތި ހަދިޔާކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
މި ޑޮނޭޝަން ޕްރޮގްރާމްގެ ދަށުން ބޯފެނާއި ބެހާއި އަންނައުނާއި ސާފުތާހިރުވުމަށް ބޭނުން ވާ ސާމާނު ފޯރުކޮށްދިނުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އަދި އަވަހަށް ހަލާކުނުވާ ކާނާއާއި ކުޑަކުދިންނަށް ބޭނުންވާ ސާމާނުގެ އިތުރުން ނިދަން ބޭނުން ކުރާނެ ބެޑްޝީޓްއާއި ތުވާލި ފަދަ ތަކެތި ހަދިޔާ ކުރުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ.

މި ތަކެތި ހަދިޔާ ކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، ކޮންމެ ދުވަހަކުވެސް ހެނދުނު 10:00 އިން ފެށިގެން ރޭގަނޑު 8:00 ޖެހުމާހަމައަށް ސޯސަންވިލާއިން މި ތަކެތި ބަލައިގަންނާނެއެވެ.
ސްރީލަންކާގެ މޫސުމީ ކާރިސާގެ ސަބަބުން މިހާރުވެސް ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ހާލުގައި ޖެހި އެހީތެރިކަން ބޭނުންވެފައެވެ. ޚާއްސަ ގޮތެއްގައި ކާބޯތަކެއްޗަށާއި ޒަރޫރީ ތަކެއްޗަށް ވަނީ ވަރަށް ބޮޑަށް ބޭނުން ޖެހިފައެވެ.




