ތޫފާން ދިތުވާގެ ސަބަބުން ބޮޑެތި ގެއްލުންތަކާ ކުރިމަތިވެފައިވާ ސްރީ ލަންކާއަށް އެހީވުމަށް ބޭއްވި ޓެލެތޯންގައި މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން 350،000ރ ހަދިޔާކޮށްފިއެވެ.
އެމްޕީއެލްއިން ބުނިގޮތުގައި މި ފައިސާއަކީ ކުންފުނިން ހަދިޔާކުރި ފައިސާ އާއި އެމްޕީއެލްގެ ހުރިހާ މުވައްޒަފުންގެ ފަރާތުން ހަދިޔާކުރި ފައިސާއެވެ.
މި ޓެލެތޯންގައި އެމްޕީއެލްގެ 3 ސަރަހައްދެއްގައި ފަންޑް ފޮށި ބެހެއްޓިއެވެ. އެއީ އެމްޕީއެލް ހެޑް އޮފީސް، މާލޭ ނޯތު ހާބަރ އަދި މާލޭ ސައުތު ވެސްޓް ހާބަރ (ޓީ-ޖެޓީ) ސަރަހައްދުގައެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމުން އިސް ނަގައިގެން ކުރިއަށް ގެންދިޔަ ”ސިލޯންއާ އެކު ދިވެހީން“ ޓެލެތޯން ފެށީ ނޮވެމްބަރު 30 ވަނަ ދުވަހުގެ ހެނދުނު 9:00 ގައެވެ. މި ޓެލެތޯން ނިންމާލީ މިއަދު މެންދުރު 2ގައެވެ. މި ޓެލެތޯންގައި ޕީއެސްއެެމާ އެކު 37 މީޑިއާއަކުން ބައިިވެރިވިއެވެ.
މި ޓެލެތޯނަށް ވަނީ 11 މިލިއަން ރުފިޔާ އާއި 43،631.31 ޑޮލަރު ލިބިފައެވެ.
ތޫފާން ’ދިތުވާ‘ ގެ ސަބަބުން ބޯކޮށް ވާރޭ ވެހި، ފެންބޮޑުވެ، ލަންކާ އަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރު، މިހާތަނަށް 300 އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ.



