”ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް“ ގެ ވެރިޔާ ހުސައިން ސަނީ އުމަރު ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން މިރޭ ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، އޭނާ ހައްޔަރުކުރީ ރާއްޖެއިން ބޭރަށް ފުރަން ވެގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސް ހުއްޓައި ކަމަށެވެ.
”ސައުވީސް“އަށް މައުލޫމާތު ލިބުނު ގޮތުގައި، ސަނީ އުމަރު އެއާޕޯޓަށް ފުރަން ގޮއްސައި ހުރީ މޫނު ފޮރުވޭ ގޮތަށް މާސްކަކާއި ތޮތްޕެއް ވެސް އަޅައިގެންނެވެ.
ސަނީ އުމަރު މިއަދު ރާއްޖެ އައުމާއެކުގައި ސުވާލު ކުރުމަށް ފުލުހުންގެ, ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ) ޔުނިޓަށް ހާޒިރު ވެސް ކުރިއެވެ. އޭނާ ރާއްޖެ އައިސް އެއާޕޯޓުން ނުކުތުމާއެކުގައި އެ ޔުނިޓަށް ގެންގޮސްފައިވަނީ ފުލުހުންގެ ވެހިކަލެއްގައެވެ.
ސަނީ އުމަރަކީ ”ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް“ ގެ ވެރިޔާއެވެ. މި ކުންފުންޏަކީ ހަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމެކެވެ.
މި މައްސަލައާއި ގުޅިގެން އެ ކުންފުނީގައި އޮތް އޭނާގެ ހިއްސާ އަތުލަައި ކުންފުނިން ވަކިކުރަން މިހާރު ވަނީ ނިންމައިފައެވެ.
ދަ ޓްރެވެލް ގައިސް ނެރުނު ނޫސްބަޔާނެއްގައި ބުނީ، ސަނީ އުމަރުގެ ހިއްސާ އަތުލަން ނިންމީ އެ ކުންފުނީގެ ބޯޑުން ކަމަށެވެ.
”މި ހިއްސާތައް އޮންނާނީ ކުންފުނީގެ ތެރޭގައެވެ. މި ކަމުގައި ގާނޫނީ އަދި ކޯޕަރޭޓް ގަވާނެންސްގެ ދަށުން ކުރަން ޖެހޭ ހުރިހާ ކަންތައްތަކެއް ފުރިހަމަ ކުރާނން.“ ޓްރެވެލް ގައިސް އިން ބުންޏެވެ.
ޓްރެވެލް ގައިސް އިން ބުނި ގޮތުގައި، ޓްރެވެލޫޝަން މީޑިއާގެ މާލީ އިދާރީ އަދި ސްޓްރެޓެޖިކް ހުރިހާ ކަމެއް ކުރަމުން އަންނަނީ އިންޓަނޭޝަނަލް ކޯ ޓީމަކުން ކަމަށާއި އެހެންކަމުން އެ މީޑިއާ ހިންގުމުގައި ސަނީ ބައިވެރިވާ ކަމަށް ބުނެ ފަތުރާފައި ވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.
އަދި ގޯނާ އާއި ނާޖާއިޒު ފައިދާ ނެގުމާއި މި ފަދަ އެންމެހާ ނުރަނގަޅު އަމަލުތަކަކީ އަބަދު ވެސް ދެކޮޅު ހަދާ ކަންކަން ކަމަށް އެ ކުންފުނިން ބުންޏެވެ.



