ސިނަމާލެ ބްރިޖުގައި މިރޭ އެކްސިޑެންޓެއް ހިނގައި ބަޔަކަށް އަނިޔާވިއިރު، އެ މީހުން ހޮސްޕިޓަލަށް ގެންދިއުމުގައި ހޯމް މިނިސްޓަރު އަލީ އިޙްސާން އެހީތެރިވެދެއްވައިފިއެވެ.
ފުލުހުން ބުނީ، މާލެ އިން ހުޅުމާލެއަށް ދުއްވާފައި ދިޔަ ދެ ސައިކަލް ޖެހި އެކްސިޑެންޓު ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބުނީ މިރޭ 18:35 ހާއިރު ކަމަށެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ދެ ސައިކަލްގައި ތިބި ދެ ފިރިހެނުންނަށް ކަމަށް ފުލުހުން ބުންޏެވެ. އެމީހުން ހުޅުމާލެ ހޮސްޕިޓަލްގައި މިހާރު ދަނީ ފަރުވާ ހޯދަމުންނެވެ.
މިއެކްސިޑެންޓުގައި އަނިޔާވި މި ދެމީހުން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިނިސްޓަރު އިހުސާންގެ ކާރުގައެވެ.
އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި އެކްސިޑެންޓު ހިނގި ސަރަހައްދުގައި މިނިސްޓަރު ކާރު މަޑުކޮށްގެން އޮތް ތަން ފެނެއެވެ. އަދި މިނިސްޓަރު ކާރުން ފައިބައިވަޑައިގެން އަނިޔާވި މީހުން ކާރަށް އެރުމަށް އެންގެވި މަންޒަރު ވެސް ވީޑިއޯ އިން ފެނެއެވެ.
ފުލުހުން ބުނިގޮތުގައި، މި އެކްސިޑެންޓުގައި އެކެއްގެ މޫނުމަތި ފަޅައިގެން ގޮސްފައިވެއެވެ. އަދި ދެ މީހުންގެ ގައިގެ އެކި ތަންތަން މަށައިގެން ގޮސް އެކިވަރުގެ އަނިޔާވެފައިވެއެވެ. އެކްސިޑެންޓުގައި ދެ ސައިކަލަށް ވެސް އެކިވަރުގެ ގެއްލުން ލިބުނެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.


