ޕީއެސްއެމުން އިސް ނަގައިގެން ރާއްޖޭގެ ގިނަ މީޑިއާތަކަކާ ގުޅިގެން ކުރިއަށް ގެންދިޔަ ”ސިލޯނާއެކު ދިވެހީން“ ޓެލެތޯނަށް ލިބުނު 800،352 ޑޮލަރު މިއަދު އެ ގައުމާއި ހަވާލު ކުރާނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
މި ޓެލެތޯނަކީ ލަންކާއަށް އެރި ތޫފާން ”ޑިޓްވާ“ އަދި ބޯކޮށް ވާރޭ ވެހި ފެން ބޮޑުވުމާ ގުޅިގެން ހާލުގައި ޖެހިފައިވާ ލަންކާގެ ރައްޔިތުންނަށް އެހީވުމަށް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މި ޓެލެތޯން 29 ގަޑިއިރަށް ކުރިއަށް ގެންގޮސްފައިވާއިރު، ރާއްޖޭގެ 30 އަށް ވުރެ ގިނަ މީޑިއާ މި ހަރަކާތުގައި ބައިވެރިވިއެވެ. މި ޓެލެތޯންގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި، ޖަމިއްޔާ ޖަމާއަތްތަކާއި، ކްލަބްތަކާއި، އޮފީސްތައް ފަދަ ހުރިހާ ފަރާތްތަކަށް ހުޅުވާލެވުނެވެ. މިއީ ދިވެހި ރައްޔިތުންގެ ފަރާތުން އަވައްޓެރި ޤައުމަކަށް ދީލަތިކަމާއެކު ފޯރުކޮށްދެވުނު އެންމެ ބޮޑު އެހީގެ އެއް ހަރަކާތެކެވެ.
މިއަދު ޕީއެސްއެމްގެ ޓީވީއެމް ސްޓޫޑިއޯގައި ބޭއްވި އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޚަލީލް ވިދާޅުވީ، މި ފައިސާ ހަވާލުވެގެން ދިއުމާއެކު، އެންމެ އިސް ވާޖިބަކަށް ވެގެން ދާނީ މި ފައިސާ ލަންކާ ރައްޔިތުންނާއި ހަަމައަށް ފޯރުކޮށްދިނުމަށްޓަކައި ލަންކާ ސަރުކާރާ ހަވާލު ކުރުން ކަމަށެވެ.
”އިރާދަކުރެއްވިއްޔާ މިއަދުގެ ވަގުތެއްގައި ރަސްމީ ގޮތުން، އަޅުގަނޑުމެން މި ފައިސާ ސްރީ ލަންކާ ސަރުކާރާއިވެސް ހަވާލު ކުރުމުގެ އިންތިޒާމް މިހާރު ވަނީ ހަމަޖެހިފައި،“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖެއަކީ ކުޑަ ގައުމަކަށް ވިޔަސް، ދިވެހި ރައްޔިތުންގެ ދީލަތިކަމުގެ ސަބަބުން ލަންކާގެ ރައްޔިތުންގެ އުދާސްތައް ދެނެގަނެ، އެންމެ ބޮޑެތި ގައުމުތަކަށްވުރެވެސް ރަނގަޅު އެހީތެރިކަމެއް ފޯރުކޮށްދެވިފައިވާ ކަމަށެވެ.
ޓެލެތޯނުން ލިބުނު ފައިސާއާ އެކު، ޕްރައިވެޓް ސެކްޓަރާއި އެހެނިހެން ގޮތްގޮތުން ލަންކާއަށް ފޯރުކޮށްދެވުނު ޖުމްލަ އެހީގެ އަދަދު 2.3 މިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާނެ ކަމަށް ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މިކަމުގެ ސަބަބުން، އަވައްޓެރިއަކަށް ދިމާވާ ކޮންމެ ކަމެއްގައި ދިވެހި ރައްޔިތުން ނުކުމެ، އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އަވައްޓެރިންނަށްވެސް ލިބިގެން ގޮސްފައިވާ ކަމަށެވެ.


