ހ.ދ ކުޅުދުއްފުށިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، އެ މީހާ ހައްޔަރުކުރީ، ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންއެއްގައި ކަމަށެވެ.
ހައްޔަރުކޮށްފައި ވަނީ ހދ.ކުޅުދުއްފުށި / ފަރެސް، އިބްރާހީމް ޝުކޫރު (39އ) އެވެ.
ފުލުހުން ބުނިގޮތުގައި، މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށް އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރުކޮޅަކާއި ހަތަރު ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.
އަދި މިތަކެތީގެ ވަގުތީ ބަރުދަނަކީ 9 ގުރާމް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން އިބްރާހީމް ޝުކޫރު ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



