”ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް“ ގެ ވެރިޔާ ހުސައިން ސަނީ އުމަރު ދޫކޮށްލުމަށް ފަހު ކޯޓު އަމުރެއްގެ ދަށުން އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، ޖިނާއީ މައްސަލައެއްގެ ތުހުމަތުއޮއްވާ، އަދި ތަހުގީގަށް އެއްބާރުލުން ދޭނެކަމަށް ބުނުމަށްފަހު، ސަނީ އުމަރު ރާއްޖެއިން ފުރައިން ދާން އުޅުނުކަމުގެ ތުހުމަތުގައި ރޭ ހައްޔަރުކޮށް އަލުން ވަނީ ދޫކޮށްލާފައި ކަމަށެވެ.
ނަމަވެސް ސަނީ އުމަރުގެ މައްޗަށް ތުހުމަތުކުރެވޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން މިއަދު ކޯޓު އަމުރެއްގެ ދަށުން އަނެއްކާވެސް ސަނީ އުމަރު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ސަނީ އުމަރު ރޭ ހައްޔަރު ކުރީ، ސިފަ އޮޅުވާލައިގެން ރާއްޖެއިން ބޭރަށް ފުރަން ވެގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސް ހުއްޓައެވެ.
ސަނީ އުމަރަކީ ”ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް“ ގެ ވެރިޔާއެވެ. މި ކުންފުންޏަކީ ހަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމެކެވެ.
މި މައްސަލައާއި ގުޅިގެން އެ ކުންފުނީގައި އޮތް އޭނާގެ ހިއްސާ އަތުލަައި ކުންފުނިން ވަކިކުރަން މިހާރު ވަނީ ނިންމައިފައެވެ.
ދަ ޓްރެވެލް ގައިސް ނެރުނު ނޫސްބަޔާނެއްގައި ބުނީ، ސަނީ އުމަރުގެ ހިއްސާ އަތުލަން ނިންމީ އެ ކުންފުނީގެ ބޯޑުން ކަމަށެވެ.
”މި ހިއްސާތައް އޮންނާނީ ކުންފުނީގެ ތެރޭގައެވެ. މި ކަމުގައި ގާނޫނީ އަދި ކޯޕަރޭޓް ގަވާނެންސްގެ ދަށުން ކުރަން ޖެހޭ ހުރިހާ ކަންތައްތަކެއް ފުރިހަމަ ކުރާނން.“ ޓްރެވެލް ގައިސް އިން ބުންޏެވެ.
ޓްރެވެލް ގައިސް އިން ބުނި ގޮތުގައި، ޓްރެވެލޫޝަން މީޑިއާގެ މާލީ އިދާރީ އަދި ސްޓްރެޓެޖިކް ހުރިހާ ކަމެއް ކުރަމުން އަންނަނީ އިންޓަނޭޝަނަލް ކޯ ޓީމަކުން ކަމަށާއި އެހެންކަމުން އެ މީޑިއާ ހިންގުމުގައި ސަނީ ބައިވެރިވާ ކަމަށް ބުނެ ފަތުރާފައި ވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި ގޯނާ އާއި ނާޖާއިޒު ފައިދާ ނެގުމާއި މި ފަދަ އެންމެހާ ނުރަނގަޅު އަމަލުތަކަކީ އަބަދު ވެސް ދެކޮޅު ހަދާ ކަންކަން ކަމަށް އެ ކުންފުނިން ބުންޏެވެ.
ސަނީ އުމަރުގެ މައްޗަށް ކުޑަކުދިންތަކަކާ ބެހުނު މައްސަލަ ފުލުހުން ބަލަން ފެށީ ސޯޝަލް މީޑިއާގައި އެ ވާހަކަ ދެކެވެން ފެށުމުން ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެންނެވެ. އޭރު ފުލުހުން ބުނީ އެއްވެސް ފަރާތަކުން އެ މައްސަލަ ރަސްމީކޮށް ފުލުހުންނަށް ރިޕޯޓް ނުކުރާ ކަމަށެވެ.
ނަމަވެސް ސަނީ ބެހުނު ކަމަށް ބުނާ ކުދިންގެ އާއިލާގެ ފަރާތުން އެ މައްސަލަ ރަސްމީކޮށް ރިޕޯޓް ކުރުމުން ފުލުހުން އަންނަނީ އެކަން އިތުރަށް ތަހުގީގު ކުރަމުންނެވެ.


