އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި މާފަންނު ހުޅަނގު ދާއިރާއަށް ވާދަކުރައްވަން ނިންމަވާފައިވާކަމުގައި މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރުގެ މަގާމުގައި ހުންނެވި މުޙައްމަދު އަރީޝް ހާމަކުރައްވައިފިއެވެ.
އަރީޝް މިކަން ހާމަކުރެއްވީ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. އަރީޝް ވިދާޅުވީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާފަންނު ހުޅަނގު ދާއިރާއަށް ޕީއެންސީ ޕްރައިމަރީގައި ވާދަ ކުރަން ނިންމާފައިވާ ކަމަށެވެ.
”މާތް الله ވާގިފުޅާ އެކުގައި ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާފަންނު ހުޅަނގު ދާއިރާއަށް ޕީއެންސީ ޕްރައިމަރީގައި ވާދަ ކުރަން އަޅުގަނޑު ނިންމި ވާހަކަ ދަންނަވަން.“ އަރީޝް ވިދާޅުވިއެވެ.
މާލެ މާފަންނު ހުޅަނގު އުތުރު ދާއިރާގެ މެންބަރ އަރީޝް މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް އިންތިހާބުވެފައިވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ 3 ވަނަ ދުވަހުއެވެ. އެއީ ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު ނަރީޝް މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
ޕީއެންސީއިން ޑިސެމްބަރު 1 އިން ޑިސެމްބަރު 15 އަށް ކުރިއަށް ގެންދާ ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމެރީއަކީ މިހާތަނަށް ބޭއްވޭ އެންމެ ބޮޑު ޕްރައިމެރީ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.



