ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރުގެ މެންބަރުންނަކީ މަސައްކަތުގެ ރޫހުގައި، ބުރަ މަސައްކަތްކުރުމަށް ތައްޔާރުވެގެން މަޖިލީހަށް ވަދެފައިވާ މެންބަރުންތަކެއް ކަމަށް ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕް (ޕީޖީ) ގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.
ފަލާހު މިހެން ވިދާޅުވީ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ފަލާހު ފާހަގަކުރެއްވި ގޮތުގައި، އެ ޤައުމެއްގެ ރައްޔިތުންގެ މަޖިލީހުގައި ހިންގާ ކަންކަން ދިރާސާކޮށް ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ. މަޖިލީހަށް ލިބޭ އިނާޔަތާއި، ރައްކާތެރިކަމާއި، މެންބަރުންނަށް ހުންނަ ކަންކަމާއި ނުހުންނަ ކަންކަން ދިރާސާކުރުމުން، މިކަންކަމާ ވާހަކަދައްކަން ފަސޭހަވާނެ ކަމަށް ފަލާހު ވިދާޅުވިއެވެ.
”މިއަދު އަޅުގަނޑުމެން މި މަސައްކަތް ކުރަމުންދަނީ އަޅުގަނޑުމެންގެ ރައްޔިތުން މަޖިލީހުގެ މި ދައުރު މިދިޔަ މަހުގެ ތިރީސްހަމަކޮށްފައި އިތުރު ދުވަސްތަކެއް ގުނަމުން މި ދަނީ. މިއީ 20 ވަނަ މަޖިލީހުގެ މަސައްކަތުގެ ރޭޓުގައި ހުރި މިންވަރު ފެނިގެން މި ދަނީ،“ ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ، 20 ވަނަ މަޖިލީހުގެ މެންބަރުން ހުވާކުރެއްވި ހިސާބުން ފެށިގެން، މިހާތަނަށް އައި ހުރިހާ ޗުއްޓީއެއްގައި ވެސް ޗުއްޓީގެ ވަރަށް ބޮޑު ބައި މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި ޗުއްޓީގެ ތެރޭގައި ވެސް ވޯޓު ނަގާ މެންބަރުންގެ އަދަދު 60 އަށް އަރައިގެންދާ ކަމަށް ފާހަގަކުރައްވައި، މިއީ މެންބަރުން މިކަމަށް ސަމާލުކަންދޭ މިންވަރު ދައްކުވައިދޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
”އެހެންވީމާ، ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި މި ތިބަ މެންބަރުންނަކީ ޙަޤީޤަތުގައި މަސައްކަތުގެ ރޫހު ހުރެގެން މި މަޖިލީހަށް ވަދެ ތިބި މެންބަރުންތަކެއް. ކުރާ ހިތުން މަސައްކަތްކުރާ މެންބަރުންތަކެއް،“ ފަލާހު ވިދާޅުވިއެވެ.
ފަލާހު އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ޗުއްޓީ ދުވަސްތަކުގައި ވެސް މަޖިލީހަށް ޚާއްޞަ މަސައްކަތެއް ޖެހިއްޖެނަމަ، މެންބަރުން ތިބޭނީ ތައްޔާރަށް ކަމަށެވެ. އަދި ސަރުކާރު ހިންގުމުގެ ދާއިރާގައި ސަރުކާރަށް ދަތިވާނެ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލިސް ތެރެއިން ނުވާނެ ކަމަށް ވެސް ޕީއެންސީ ޕީޖީ ލީޑަރު ވިދާޅުވިއެވެ.



