ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ މަސައްކަތްތައް ނިންމާލުމަށް ފަހު މިއަދުން ފެށިގެން މަޖިލިސް ޗުއްޓީއަށް ހިނގައްޖެއެވެ.
މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ތިންވަނަ ދައުރު ނިންމައި މަޖިލިސް ޗުއްޓީއަށް ދާން ޖެހެނީ މި މަހުގެ 1 ވަނަ ދުވަހު ނަމަވެސް، ނިންމަން ޖެހޭ މުހިއްމު މަސައްކަތްތަކެއް ހުރުމާއެކު ދައުރުގެ މުއްދަތު އިތުރުކޮށް، އެ މަސައްކަތްތައް ނިންމުމަށް ފަހު ޗުއްޓީއަށް ދިއުމަށް ނިންމީއެވެ.
ތިން ވަނަ ދައުރު ނިންމާލައި މަޖިލިސް ޗުއްޓީއަށް ދިޔަކަން އިއުލާން ކުރައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ސަރުކާރު ހިންގުމަށް ނުވަތަ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް މުހިއްމު ބިލެެއް އޮވެއްޖެނަމަ، އެ ކަމެއް ނިންމުމަށް ފަހު ޗުއްޓީއަށް ދިއުމަކީ 20 ވަނަ ރައްޔިތުންގެ މަޖިލިސް ފެށުނީއްސުރެ ގެންގުޅެމުން އަންނަ އުސޫލު ކަމަށެވެ.
”ސަރުކާރު ހިންގުމަށް ނުވަތަ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް މުހިއްމު ބިލެެއް އޮވެއްޖެނަމަ، އެ ކަމެއް ނިންމުމަށް ފަހު ޗުއްޓީއަށް ދިއުމުގެ އުސޫލު މި މަޖިލީހުން ގެންގުޅެމުންދާނެ،“ ރައީސް އަބްދުއްރަހީމް ވިދާޅުވިއެވެ.
މަޖިލިސް ގަވާއިދުގައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ އަންނަ އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ.
މި ދައުރުގައި ޖުމްލަ 15 ބިލެއް ނިންމާފައިވެއެވެ.




