ސައުދީ އިން ވިޔަފާރީގެ ވަފުދެއް ރައީސްލުޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާ ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ދިވެހި ސަރުކާރުގެ ބައެއް ވަޒީރުންނާއި އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމަކީ، މި އަހަރުގެ ކުރީކޮޅު ރައީސުލްޖުމްހޫރިއްޔާ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގެން، ސަޢޫދީގެ ވަލީޢަހުދު ހިޒް ރޯޔަލް ހައިނަސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް- އާލް ސުޢޫދު އާއެކު ދެ ޤައުމުގެ ދެމެދުގައި އިންވެސްޓްމަންޓްތައް ފުޅާކުރުމާ ބެހޭގޮތުން ކުރެއްވި މަޝްވަރާތަކާ ގުޅިގެން ބޭއްވެވި ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ދެ ޤައުމުގެ ގުޅުންތައް އިތުރަށް ބަދަހިކޮށް، ވިޔަފާރީގެ ދާއިރާތަކުން ގުޅުން ބަދަހިކުރުމެވެ.
މި ބައްދަލުވުމުގައި ދެ ޤައުމުގެ ގުޅުންތައް އިތުރަށް ބަދަހި ކުރެއްވުމަށް މަޝްވަރާކުރެއްވި ދާއިރާތަކުގެ ތެރޭގައި، އިންވެސްޓްމަންޓާއި، އިޤްތިޞާދީ ތަރައްޤީއާއި، އަމިއްލަ ވިޔަފާރިތައް ތަރައްޤީކުރުމާއި، ދަނޑުވެރިކަމާއި، މަސްވެރިކަމުގެ އިތުރުން އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ ހިމެނެއެވެ. މި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ދެ ފަރާތުންވެސް ވަނީ ޝައުޤުވެރިކަން ފާޅުކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަނީ ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖެއަށް ވެދެއްވަމުން ގެންދަވާ ގިނަގުނަ އެހީތެރިކަން ފާހަގަކުރައްވައި، ރާއްޖޭގެ އިޖުތިމާޢީ އަދި އިޤުތިސާދީ ތަރައްޤީއަށް އައިސްފައިވާ ކުރިއެރުންތަކަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. ޚާއްޞަކޮށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތްތައް ނިންމެވުމަށް ވެދެއްވި އެހީތެރިކަމަށް އެމަނިކުފާނު ޝުކުރު ދަންނަވައިފިއެވެ.
މި ވަފުދު މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ވައްމޭޒު ޖަލްސާގައިވެސް ބައިވެރިވެ، ދިވެހި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ސީދާ މަޝްވަރާތައް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ސަޢޫދީ ޢަރަބިއްޔާގެ ވަފުދުން ވަނީ ދިވެހިރާއްޖެއިން އެބޭފުޅުންނަށް ވިދާޅުވި މަރުޙަބާ އާއި، ބެހެއްޓެވި މެހުމާންދާރީއަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުވުން ނިންމާލައްވާފައިވަނީ، ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ އުޚުއްވަތްތެރި ގުޅުން އިތުރަށް ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.



