ލ.ގަމު ފެނަކަ އިންޖީނުގޭގައި އަލިފާން ރޯވެއްޖެއެވެ.
ފުލުހުން ބުނީ، 3 ޑިސެމްބަރު 2025 ވަނަ ދުވަހު 14:50 އެހާކަންހާއިރު، ލ.ގަން ފެނަކަ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އަދި އަލިފާން ނިއްވުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން އަދި އާންމު ރައްޔިތުން ގުޅިގެން ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ގަމު ފެނަކަ ބްރާންޗުން ވިދާޅުވީ އިންޖީނުގޭގެ %80 އަށް ގެއްލުންވެފައިވާކަމަށާއި، އަލިފާން ރޯވީ އިންޖީނު ރޫމުގައިކަމަށެވެ. އިންޖީނު ގޭގައި ހުރި 5 އިންޖީނުގެ ތެރެއިން، 2 އިންޖީނު މުޅިން ބޭނުން ނުކުރެވޭވަރަށް އަނދާ ގެއްލުންވެފައިވާކަމަށް ވިދާޅުވިއެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން ގަމާއި ގުޅިފައިވާ ހުރިހާ އަވަށްތަކުން ވަނީ ކަރަންޓު ކެނޑިފައެވެ. މީގެތެރޭގައި ފުނަދޫ ނުހިމެނެއެވެ. ގަމު ފެނަކަ ބްރާންޗުން ވިދާޅުވީ ކަރަންޓު ދޭން ދެ ދުވަހުގެ މުއްދަތެއް ނަގާނެކަމަށް އަންދާޒާކުރެވޭކަމަށެވެ.
މައުލޫމާތު ލިބޭގޮތުގައި އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލް ކޮށްފައެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.




