ގއ.މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، އެމީހާ ހައްޔަރުކޮށްފައިވަނީ މާލެއިން ދާ ބޯޓަކުން މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރާކަމަށް މާމެންދޫ ޕޮލިހަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 2 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އެމީހާ ދިރިއުޅޭ ގެ އާއި ދަތުރުކުރި ބޯޓު ބަލައިފާސްކުރިއިރު، ބޯޓުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށާއި، އަދި މިތަކެތީގެ ވަގުތީ ބަރުދަނަކީ 50 ގުރާމްކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގއ.މާމެންދޫ / ޓިވެގާލައިޓް، ނާޝިދު އިބްރާހީމް (53އ) އެވެ.
ފުލުހުން ބުނީ، ނާޝިދު އިބްރާހީމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 8 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައި ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



