އެލައިޑް އިންޝުއަރެންސްއިން އިންތިޒާމު ކޮށްގެން ބާއްވާ ”އެލައިޑް ފެސްޓް“ގެ މާލޭ އެޑިޝަން މާދަމާ ބާއްވަން ނިންމައިފިއެވެ.
އާޓިފިޝަލް ބީޗުގައި މާދަމާ އަދި ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން 6:00 ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި ފެސްޓިވަލްއަކީ ކުޑަކުދިންނަށް ހާއްސަކުރެވިގެން ބާއްވާ ފެސްޓިވަލްއެކެވެ.
މި ފެސްޓިވަލުގައި ކުޑަކުދިންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ އެތައް ކުޅިވަރެއް ހިމެނޭއިރު، ބެލެނިވެރިންނަށް އަމާޒު ކޮށްގެން ދިރިއުޅުމާއި އާއިލާއާބެހޭ މައުލޫމާތު ސެޝަންތަކެއް ވެސް ފެސްޓިވަލްގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި ފެސްޓިވަލުގެ ތެރެއިން ހާއްސަ ލަކީޑްރޯއެއް ނެގުމާއި އެ ލަކީޑްރޯއިން ގުރުއަތުން ނެގޭ ކުދިންނަށް ހާއްސަ ހަދިޔާއެއް ދޭގޮތަށް ވެސް އެލައިޑުން ވަނީ ހަމަޖައްސައިފަ އެވެ.
2023 ވަނަ އަހަރު ފުރަތަމަ ފަހަރަށް ”އެލައިޑް ފެސްޓް“އެއް ބޭއްވީ ހުޅުމާލޭގައެވެ. ތަރުހީބު ބޮޑު އެ ހަރަކާތް، ޖެހިގެން އޮތް އަހަރު ވެސް ހުޅުމާލޭގައި އޮތެވެ.
އަހަރަކު އެއްފަހަރު ބާއްވަމުން އައި ނަމަވެސް، 2025 ވަނަ އަހަރަކީ އެލައިޑަށް 40 އަހަރު ފުރޭ މުނާސަބާ ފާހަގަކުރާ އަހަރަށް ވާތީ މި އަހަރު ވަރަށް ތަފާތެވެ. 40 އަހަރު ފުރުން ފާހަގަކުރުމުގެ ހަރަކާތްތަކެއްގެ ގޮތުގައި، ”އެލައިޑް ފެސްޓް“ ވަނީ މާލެ ސަރަޙައްދުން ބޭރުވެ، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާވެފައެވެ.
މި އަހަރުގެ މޭ މަހު ކުޅުދުއްފުށި ސިޓީގައި ”އެލައިޑް ފެސްޓް“އެއް ކާމިޔާބުކަމާއެކު ބޭއްވިއިރު މި އާއިލީ ހަވީރަށް 1000 އަށް ވުރެ ގިނަ އާއިލާއިން ޒިޔާރަތްކުރިއެވެ. އަދި މިއަހަރުގެ އޮގަސްޓް މަހު ފުވައްމުލަކުގައިވެސް އެލައިޑް ފެސްޓް އެއް އޮތެވެ. މި އާއިލީ ހަވީރަށްވެސް 3000 އަށް ވުރެ ގިނަ އާއިލާއިން ޒިޔާރަތްކުރިއެވެ.
މީގެ 40 އަހަރު ކުރިން އުފެދިގެން އައި އެލައިޑް އިންޝުއަރަންސަކީ ދިވެހިރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިންޝުއަރަންސްގެ ޚިދުމަތްދޭ ކުންފުންޏެވެ. އެލައިޑުން އިސްލާމީ ޝަރީޢާގެ އުސޫލުތަކާ އެއްގޮތަށް އިންޝުއަރަންސް ފޯރުކޮށްދިނުމުގެ ގޮތުން މީގެ 11 އަހަރު ކުރިން ތަކާފުލްގެ ޚިދުމަތް ވެސް ދޭން ފެށިއެވެ.
އެލައިޑުގެ އިސްލާމިކް ވިންޑޯ ”އަޔާދީ ތަކާފުލް“ގެ ނަމުން ”އެލައިޑް ތަކާފުލް“ އަށް ނަމަށް މި އަހަރު ރީބްރޭންޑްކޮށްފައިވާ އިރު، ޝަރީޢާގެ އުސޫލުތަކާ އެއްގޮތަށް ލައިފް އަދި ފެމިލީ ޕްލޭންތައް މިހާރު ލިބެން ހުންނާނެއެވެ.
މިހާރު އެލައިޑަކީ ރާއްޖޭގައި ތަކާފުލްގެ ހިދުމަތް ވެސް އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ ކުންފުންޏެވެ.



