ސްރީލަންކާއަށް އެރި ތޫފާނާއި ބޯކޮށް ވާރޭވެހުމާ ގުޅިގެން އެޤައުމަށް ލިބުނު ބޮޑެތި ގެއްލުންތަކުން އަރައިގަތުމަށް ކުރަމުންގެންދާ މަސައްކަތްތަކަށް އެހީވުމުގެ ގޮތުން، ސްރީލަންކާގެ ޤައުމީ ކްރިކެޓް ޓީމުގެ ފަރާތުން 300 މިލިއަން ރުޕީސް ހަދިޔާކޮށްފިއެވެ.
ލަންކާ ކްރިކެޓް ޓީމުން ބުނިގޮތުގައި، މި ފައިސާ ހަދިޔާކޮށްފައިވަނީ ގެއްލުން ލިބުނު ފަރާތްތަކަށް އެހީވުމަށް ސަރުކާރުން ޤާއިމްކޮށްފައިވާ ”ރިބިލްޑިންގ ސްރީލަންކާ ފަންޑު“ އަށެވެ.
މި އަދަދު ހަދިޔާކުރަން ނިންމާފައިވަނީ ސްރީލަންކާ ކްރިކެޓްގެ ރައީސް ޝައްމި ސިލްވާ އަދި ބޯޑުގެ މަޝްވަރާއަށްފަހުއެވެ.
ޕާކިސްތާނުގައި މުބާރާތެއް ކުޅެންގޮސް މިވަގުތު ތިބި ލަންކާ ކްރިކެޓް ޓީމުން ވަނީ، ޕާކިސްތާނު ޓްއާއިން ލިބޭ ހުރިހާ ފައިސާއެއްވެސް ހާލުގައި ޖެހުނު ފަރާތްތަކަށް ދިނުމަށް ނިންމާފައެވެ.
”ލަންކާ ކްރިކެޓް ޓީމްގެ ކުޅުންތެރިންނާއި އޮފިޝަލުން ތިބީ ހާލުގައި ޖެހުނު ފަރާތްތަކާއި އަދި އެފަރާތްތަކަށް އެހީވުމަށް އެކި ގޮތްގޮތުން މަސައްކަތްކުރަމުންދާ ޓީމްތަކާއެކުގައެވެ.“ މިކަމާ ގުޅޭގޮތުން ލަންކާ ޤައުމީ ޓީމްގެ ކޯޗް އަދި ކްރިކެޓްގެ ލެޖެންޑް ސަނަތު ޖަޔަސޫރިއާ، ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.
ސްރީލަންކާ ފައިސާގެ 300 މިލިއަން ރުޕީސް އަކީ ގާތްގަނޑަކަށް 971 ހާސް އެމެރިކާ ޑޮލަރެވެ.
ސްރީލަންކާއަށް ކުރިމަތިވި ގުދުރަތީ ކާރިސާގައި އެންމެ އަވަހަށް އެހީތެރިކަން ދޭން ނިންމި އެޤައުމުގެ ފުރަތަމަ އެއް މުއައްސަސާއަކީވެސް ލަންކާ ކްރިކެޓް ޓީމެވެ.



