ސްރީ ލަންކާއަށް އެރި ތޫފާން ދިތުވާގެ ސަބަބުން އެއްކޮށް ހަލާކުވި ކޮންމެ ގެއަކަށް ފަސް މިލިއަން ރުޕީސްގެ ބަދަލެއް ސަރުކާރުން ދޭނެ ކަމަށް ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކަ މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ޑިސަނާޔަކަ ވިދާޅުވި ގޮތުގައި، ބިންގަނޑު ކަޑައިގެން ދިޔުމުގެ ސަބަބުން އެއްކޮށް ބިން ގެއްލިފައިވާ ފަރާތްތަކަށް ސަރުކާރުން ބިން ފޯރުކޮށްދޭނެއެވެ.
ނަމަވެސް، ވަކި ސަރަހައްދަކުން ސަރުކާރުގެ ބިމެއް ނެތް ހާލަތްތަކުގައި، ބިން ގަތުމަށްޓަކައި އިތުރު ފަސް މިލިއަން ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިފަދަ ބިންތައް ދެނެގަތުމަށް، އަސަރުކޮށްފައިވާ ސަރަހައްދުތަކުގައި ސަރުކާރުގެ ބިންތައް ހުރިތޯ ބެލުމަށް ޑިސްޓްރިކްޓް އަދި ޑިވިޝަނަލް ސެކްރެޓޭރިއަޓްތަކުގެ އެހީގައި ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ގެއްލުން ވެފައިވާ ގެތައް މަރާމާތު ކުރުމަށްޓަކައި އެންމެ ގިނަވެގެން 2.5 މިލިއަން ރުފީސްގެ ބަދަލު ދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ރައީސް ޑިސަނާޔަކަ ވަނީ ހާމަކުރައްވާފައެވެ.
މި ބަދަލުތައް ދިނުމުގެ މަގުސަދަކީ، ތޫފާނުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ރައްޔިތުންނަށް އެހީތެރިވެދިނުމާއި، އާންމު ދިރިއުޅުން އަލުން ބިނާކުރުމަށް ފުރުސަތު ހޯދައިދިނުމެވެ.
ތޫފާން ދިތުވާގެ ސަބަބުން ލަންކާގެ ބައެއް ސަރަހައްދުތައް އެއްކޮށް ސުންނާފަތިވެފައިވާއިރު، ފެންބޮޑުވުމުގެ ނުރައްކާތެރި ކާރިސާގައި މަރުވި މީހުންގެ އަދަދު 600 އިން މައްޗަށް އަރާފައިވެއެވެ. މި ކާރިސާގެ ސަބަބުން އެތައް ހާސް ރައްޔިތުން ވަނީ އެމީހުންގެ ގެދޮރު ދޫކޮށް، ސަރުކާރުން ހަމަޖައްސާފައިވާ ރައްކާތެރި މަރުކަޒުތަކަށް ބަދަލުވެފައެވެ.
ލަންކާގެ ސަރުކާރުންނާއި ބައިނަލްއަގްވާމީ ޖަމާއަތްތަކުން ވެސް ދަނީ މި ކާރިސާއިން އަރައިގަތުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.



