ސްކޫލްތަކުގެ ޔުނިފޯމް ބަދަލުކުރުމަކީ ހަރަދުބޮޑު ބޭކާރު ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ 2027 އިން ފެށިގެން ސަރުކާރު ސްކޫލްތަކުގެ ދަރިވަރުންގެ ޔުނީފޯމަށް ބަދަލު ގެންނަން އެޑިއުކޭޝަން މިނިސްޓްރީން ނިންމުމާ ގުޅިގެންނެވެ.
މިނިސްޓްރީން ބުނީ، މި ބަދަލު ގެންނަނީ އެއް މިންގަނޑެއް ހިފަހައްޓައި، ފަސޭހަކަމާ އެކު ޔުނިފޯމު ލިބުމުގެ މަގުފަހިކޮށް ދޭން ކަމަށެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ނަޝީދު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި 90،000 އަށް ވުރެ ގިނަ ދަރިވަރުން ތިބޭއިރު، މިހާރު ހުށަހަޅާފައިވާ ޔުނިފޯމަށް އެންމެ މަދުވެގެން ވެސް 900 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.
ނަޝީދު ވިދާޅުވީ ބެލެނިވެރިންގެ އަތުން 80 މިލިއަނަށް ވުރެ ގިނައިން ފައިސާ ނަގައި، އެ ފައިސާ ފޮތި ފިހާރަތަކަށް ދިނުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށެވެ.
”ޔުނިފޯމް ބަދަލުކުރުމަކީ ހަރަދުބޮޑު ބޭކާރު ކަމެއް. މިހާރުވެސް ދަރިވަރުން އެ ތިބެނީ އެކަށީގެންވާ ވަރަށް ނިވާވެގެން،“ ނަޝީދު ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ގެނައި ބަދަލުތަކުގެ ތެރެއިން އެންމެ ބޮޑު ބަދަލެއް އައިސްފައި ވަނީ ރަސްމީ ޔުނިފޯމަށެވެ. ރަސްމީ ޔުނިފޯމުގެ މަތީގެ ކުލައެއްގެ ގޮތުގައި ހަތަރު ކުލައެއް ކަނޑައަޅާފައިވެ އެވެ. އެއީ ހުދާއި، ސްކައި ބްލޫ އާއި، ޓީ ގްރީން އާއި، ލައިޓް ރެޑެވެ. އަދި ރަސްމީ ޔުނިފޯމުގެ ތިރި (ފަޓްލޫނާއި ސްކާޓާއި ސޯޓް) ގެ ކުލަ އަކީ ކަޅު ނުވަތަ ނޭވީ ބްލޫއެވެ. މި ކުލަތައް އިޚްތިޔާރު ކުރުން ވަނީ އެ ސްކޫލަކަށް ދޫކޮށްލާފައެވެ.
މީގެ އިތުރުން، ސްކޫލްތަކުގެ އެކްޓިވިޓީ ޔުނިފޯމުގެ މަތި އެ ސްކޫލެއްގެ ކުލައިން ލެވޭނެއެވެ. ނަމަވެސް ތިރިންލާން ބޭނުން ކުރެވެނީ ޑިޒައިނެއް ނެތް ކަޅުކުލައިގެ ޓްރެކްސޫޓެކެވެ.
ބުރުގާ އަޅާ ދަރިވަރުންނަށް ޔުނިފޯމު ކުލައިގެ ގަދަ ކުލައެއް (ނޭވީ ބްލޫ، ރޯޔަލް ގްރީން، ޑާކް ރެޑް) ނުވަތަ ހުދު ކުލަ ބޭނުން ކުރުމުގެ އިޚްތިޔާރު ލިބިފައިވާއިރު، ފަޓުލޫނު ނުވަތަ ސްކާޓް ކުލައިގެ ބުރުގާ ވެސް ބޭނުން ކުރެވޭނެއެވެ.




