ވަގަށް ވޭޕް ވިޔަފާރި ކުރަމުންދިޔަ ފޭސްބުކް ޕޭޖެއް ފުލުހުންގެ ބާރުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުން މިއަދު ބުނީ، ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާ ވޭޕް އަދި ވޭޕް ކާޓްރިޖް ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑިސެންބަރު 5 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ދެ ގެއަކާއި ދެ އުޅަނދެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.
ފުލުހުން ހިންގި މި އޮޕަރޭޝަނުގައި ބަލައިފާސްކުރި ސައިކަލެއްގެ މަޑިދަށުން 89 ވޭޕް ކާޓްރިޖް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ބަލައިފާސްކުރި ދެގޭގެ ތެރެއިން އެއް ގެއެއްގެ އެޕާޓްމަންޓަކުން ޖުމްލަ 59 ވޭޕް އަދި ވޭޕް ކާޓްރިޖް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.
މީގެ އިތުރުން މިމައްސަލައާ ގުޅިގެން ވޭޕް ވިއްކަމުން ދިޔަ ފޭސްބުކް ޕޭޖެއް ފުލުހުންގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެއެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި، ވިއްކުމާއި، ހިލޭ ބެހުން މަނާކުރާ ގާނޫނަށް އަމަލުކުރަން ފެށީ މިދިޔަ އަހަރުގެ ޑިސެންބަރު 15 ވަނަ ދުވަހުން ފެށިގެންނެވެ.
މި ގާނޫނާ ޚިލާފުވެއްޖެ ނަމަ ބޮޑު ޖޫރިމަނާއެއް ދައްކަން ޖެހޭނެ އެވެ. އެގޮތުން ވޭޕާއި ވޭޕް ކުރަން ބޭނުން ކުރާ ތަކެތި ރާއްޖެއަށް އެތެރެ ކޮށްފިނަމަ، އެތެރެ ކުރި މީހަކު 50،000 ރުފިޔާއިން ޖޫރިމަނާކުރެވޭއިރު، އެތެރެ ކުރާ ކޮންމެ ވޭޕަކަށް އިތުރު 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެއެވެ.
މީގެއިތުރުން ރާއްޖޭގައި ވޭޕް ވިއްކާ ކޮންމެ މީހަކަށް 20،000 ރުފިޔާގެ ޖޫރިމަނާއެއް، އަދި ވިއްކި ކޮންމެ ވޭޕަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ޤާނޫނުގައިބުނެފައިވެއެވެ.
އަދި ހިލޭ މީހަކަށް ވޭޕެއް ދީފިނަމަ 10،000 ރުފިޔާގެ ޖޫރިމަނާއެއްގެ އިތުރުން ވޭޕް ބޭނުން ކުރާ މީހަކު 5،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބުނެފައިވެ އެވެ.




