ތޫފާން ދިތުވާގެ ސަބަބުން ލިބުނު ގެއްލުމުން އަރައިގަތުމަށް ސްރީ ލަންކާއަށް އެހީގެ ގޮތުގައި މިހާތަނަށް 6.5 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ލިބިފައިވާ ކަމަށް އެ ގައުމުން ހާމަކޮށްފިއެވެ.
ލަންކާގެ ނޫހެއް ކަމަށްވާ ’ސިލޯން ޓުޑޭ‘ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ލިބުނު އެހީގެ ތެރެއިން އެންމެ ބޮޑު މާލީ އެހީއެއް ކަމަށްވާ 2.4 މިލިއަން ޑޮލަރު ހަދިޔާކޮށްފައި ވަނީ ދިވެހިރާއްޖެއިންނެވެ.
ދިވެހިރާއްޖެއިން ދީފައިވާ 2.4 މިލިއަން ޑޮލަރުގެ އެހީއަކީ އެކި ފަރާތްތަކުން އެއްކުރެވުނު ފައިސާއެވެ. އޭގެ ތެރޭގައި ދިވެހި ސަރުކާރުން ހަދިޔާކުރި 50،000 ޑޮލަރު ހިމެނެއެވެ. މީގެ އިތުރުން، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން އިސްނަގައިގެން ގިނަ މީޑިއާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ ’ސިލޯނާއެކު ދިވެހީން‘ ޓެލެތޯނުން އެކަނި ވެސް އަށް ލައްކަ ޑޮލަރު ހޯދިފައިވެއެވެ.
އޭގެ އިތުރުން ވެސް އަމިއްލަ ވިޔަފާރިތަކާއި އާއްމު ފަރާތްތަކުގެ އެހީއާއެކު 2.4 މިލިއަން ޑޮލަރު ރާއްޖެއިން އެހީގެ ގޮތުގައި ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މާލީ އެހީ ދިން އެހެން ބޮޑެތި ގައުމުތަކަށް ބަލާއިރު، އެމެރިކާއިން ވަނީ އެމަޖެންސީ އެއިޑްގެ ގޮތުގައި ދެ މިލިއަން ޑޮލަރު ދީފައެވެ. އަދި ޗައިނާއިން 1.1 މިލިއަން ޑޮލަރުގެ އެހީ ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފައިސާގެ އެހީގެ އިތުރުން ރާއްޖެއިން ވަނީ 25،000 މަސްދަޅު ކޭސް ވެސް ލަންކާއަށް އެހީގެ ގޮތުގައި ހަވާލުކޮށްފައެވެ.
ލަންކާ ސަރުކާރުން އަންދާޒާކުރާ ގޮތުގައި، ތޫފާނުގެ ސަބަބުން ލިބުނު ގެއްލުންތަކަށް ފަހު އަލުން އާރާސްތުކުރުމަށް ގާތްގަނޑަކަށް ހަތް ބިލިއަން ޑޮލަރު ޚަރަދުވާނެއެވެ.
މި ބޮޑު ގެއްލުމުން އަރައިގަތުމަށް ދިވެހިރާއްޖެއިން ދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރުމުގެ ގޮތުން، ރާއްޖޭގައި ދިރިއުޅޭ ލަންކާގެ ރައްޔިތުން ވަނީ އިއްޔެ ހަވީރު ބޮޑު އެއްވުމެއް ބާއްވައިފައެވެ. މި ހަރަކާތުގައި ލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވައިފައިވާ ހައިކޮމިޝަނަރު މުޙައްމަދު ރިޒްވީ ހަސަން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެ މީހުން ވަނީ ރާއްޖެއާއި ލަންކާގެ ދިދަތަކާއެކު ދިވެހީންނަށް ޝުކުރުވެރިވުމުގެ ޝުއޫރުތައް ފާޅުކޮށްފައެވެ.
ލަންކާއަށް މިދިޔަ މަހުގެ 27 ވަނަ ދުވަހު އެރި ބާރުގަދަ ތޫފާން ’ދިތުވާ’ގެ ސަބަބުން އެ ގައުމުގެ 1.1 މިލިއަން މީހުން ހާލުގައި ޖެހިފައިވެއެވެ.
ލަންކާގެ ޑިސާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ)ން ހާމަކުރާ ގޮތުގައި، ތޫފާނުގެ ގަދަ ވިއްސާރާގައި މަރުވި މީހުންގެ އަދަދު 600 އަށް ވުރެ ގިނައެވެ. 360އަށް ވުރެ ގިނަ މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައިވެއެވެ.
ބޮޑަށް އަސަރުކޮށްފައިވާ ސަރަހައްދުތަކުގައި މީހުން ހޯދުމާއި، ސަލާމަތްކުރުމުގެ އޮޕަރޭޝަންތައް އަދިވެސް ދަނީ ކުރިއަށެވެ.



