މާލޭގެ ދެ ގެއެއް ބަލައިފާސްކޮށް 544 ވޭޕް ސާމާނު ފުލުހުން އަތުލައިގެންފިއެވެ.
ފުލުހުން ބުނީ ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާ ވޭޕް އަދި ވޭޕް ކާޓްރިޖްގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ދެ ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.
މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރި ދެ ގޭގެ ތެރެއިން 190 ފްލޭވާޑް ކާޓްރިޖް، 9 ނެނޯ ސްޓިކް އަދި ޑިސްޕޯސަޕަލް ޕޮޑެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަދި އަނެއް ގެއިން 331 ފްލޭވާޑް ކާޓްރިޖް، 6 ރިފިލް ކާޓްރިޖް އަދި 7 ޕޮޑް ފެނިފައިވާއިރު، އެދެގެއިން ޖުމްލަ 544 އައިޓަމެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން މިއަދު ވަނީ މާލޭގެ އިތުރު ދެ ގެއަކާއި ދެ އުޅަނދެއް ބަލައި ފާސްކުރުމަށްފަހު ގިނަ އަދަދެއްގެ ވޭޕް ސާމާނުތަކެއް އަތުލައި، އެވިޔަފާރި ކުރަމުންދިޔަ ފޭސްބުކް ޕޭޖުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
މި މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.



