ޔުނިވާސަލް އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑް (ޔުނިވާސަލް) ގެ ފަރާތުން ސްރީ ލަންކާއަށް އެހީގެ ގޮތުގައި 100،000 ޑޮލަރު މިއަދު ހަދިޔާކޮށްފިއެވެ.
ޔުނިވާސަލް އިން އެ ފައިސާ ހަވާލުކުރީ ރާއްޖޭގައި ހުންނަ ސްރީލަންކާ ހައިކޮމިޝަނާއެވެ.
ތޫފާން ދިތުވާގައި ލަންކާއަށް ލިބުނު ގެއްލުން ތަކުން އަރައިގަންނަން އެހީތެރިވުމަށް ބޭރުގެ ގައުމުތަކުން ލަންކާއަށް މިހާތަނަށް 6.5 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ހަދިޔާކޮށްފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
ލަންކާގެ ނޫސްތަކުން އިއްޔެ ރިޕޯޓުކޮށްފައިވާ ގޮތުގައި، ލަންކާއަށް އެންމެ ބޮޑު މާލީ އެހީއެއް ދީފައިވަނީ ރާއްޖެއިންނެވެ. ލަންކާގެ ނޫހެއް ކަމަށްވާ ’ސިލޯން ޓުޑޭ‘ އިން ރިޕޯޓުކުރި ގޮތުގައި، ލިބުނު އެހީގެ ތެރެއިން އެންމެ ބޮޑު މާލީ އެހީއެއް ކަމަށްވާ 2.4 މިލިއަން ޑޮލަރު ހަދިޔާކޮށްފައި ވަނީ ރާއްޖެއިންނެވެ.
މި އަދަދުގައި ދިވެހި ސަރުކާރުން ހަދިޔާކުރި 50،000 ޑޮލަރާއި، ޕީއެސްއެމް އިން އިސްނަގައިގެން މީޑިއާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ ’ސިލޯނާއެކު ދިވެހީން‘ ޓެލެތޯނުން ލިބުނު 8 ލައްކަ ޑޮލަރު ހިމެނެއެވެ. އަދި އަމިއްލަ ވިޔަފާރިތަކުން ވެސް ވަނީ ވަރަށް ބޮޑު އެހީއެއް ދީފައެވެ.
މާލީ އެހީގެ އިތުރުން ރާއްޖެއިން ވަނީ 25،000 މަސްދަޅު ކޭސް ވެސް ލަންކާއަށް އެހީގެ ގޮތުގައި ހަވާލުކޮށްފައެވެ.
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 600 އަށް ވުރެ މައްޗަށް އަރައިފައެވެ.




