ދޯހާ ފޯރަމް 2025 ގައި ބައިވެރިވެ ވަޑައިގަތުމަށްފަހު، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
ސިޔާސަތު ކަނޑައަޅައި އެކި ފަންތީގެ ޤައުމުތަކުގެ ލީޑަރުން އެއްތަނަކަށް އެއްވެ ދުނިޔެއަށް ދިމާވަމުންދާ އެކި މައްސަލަތަކާ މެދު ޚިޔާލު ބަދަލުކޮށް މަޝްވަރާ ކުރުމުގެ މަޤުޞަދުގައި މިމަހުގެ 6 އިން 7 އަށް ކުރިއަށް ގެންދިޔަ ދޯހާ ފޯރަމް ބާއްވާފައިވަނީ ޤަރަތުގެ ވެރިރަށް ދޯހާގައެވެ.
މިނިސްޓަރު ވަނީ، މި ފޯރަމްގެ ތެރެއިން ބޭއްވި މިނިސްޓަރުންގެ ފެންވަރުގެ ވަށްމޭޒު ބައްދަލުވުންތަކުގައި ބައިވެރިވެ ވަޑައިގެންފައެވެ. އެގޮތުން، ”އަޕް ހޯލްޑިންގ އިންޓަރނޭޝަނަލް ޖަސްޓިސް ސިސްޓަމް އެންޑް ދަ ރޫލް އޮފް ލޯ“ މި ސެޝަންގައި ބައިވެރިވެ ވަޑައިގެން، ރާއްޖެއިން ޑިޕްލޮމެސީ ދެމެހެއްޓުމާއި، ޤާނޫނީ ވެރިކަމުގެ ބާރު ޤާއިމު ކުރުމާއި، ބައިނަލްއަޤުވާމީ އިންސާފު ޤާއިމު ކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ.
ފޮރިން މިނިސްޓްރީން ބުނީ، ރާއްޖެއިން ދޯހާ ފޯރަމްގައި ބައިވެރިވުމުން ދޭހަކޮށްދެނީ ރާއްޖެއިން ޤައުމުތަކާއި ގުޅިގެން ބައިނަލްއަޤުވާމީ މައްސަލަތަކުގައި މަސައްކަތް ކުރަމުންދާކަން ކަމަށެވެ. އެގޮތުން ހިންގުމުގެ ދާއިރާއާއި، އިންސާފާއި ބައިނަލްއަޤުވާމީ އެއްބާރުލުން ޤާއިމު ކުރުމުގައި ކުރަމުންދާ މަސައްކަތް އެ މިނިސްޓްރީން ފާހަގަކުރައްވައެވެ.
މިނިސްޓަރުގެ މި ދަތުރުފުޅުގައި، އެޑިޝަނަލް ސެކްރެޓަރީ ޚަދީޖާ ނަޖީހާއާއި، ދޯހާ އެމްބަސީއަށް ކަނޑައަޅުއްވާފައިވާ ޗާރޖް ޑި އެފެއާރޒް މުޙައްމަދު ދީދީއާއި، ޖޮއިންޓް ސެކްރެޓަރީ މަރްޔަމް މިދްފާ ނަޢީމްއާއި، ސެކަންޑް ސެކްރެޓަރީ މުޙައްމަދު ތަޙްސީންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.



