ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބައެއް އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ރ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފައިވަނީ މިރޭ 18:15 އިން ފެށިގެން މެންދަމު2:15 އާއި ހަމައަށެވެ.
މި ވަގުތުގައި ބޯކޮށް ވާރޭވެހުމާއި އެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ލަފާކޮށްފައިވެއެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ.
މޫސުން ކޮންމެވެސް ވަރަކަށް މިއަދުން ފެށިގެން އަލިކުރާނެކަމަށް ލަފާކުރެވުނު ނަމަވެސް، މޫސުން އެއްކޮށް އަލިނުވާނެކަމަށް މެޓު އޮފީހުން ބުނެއެވެ.
އެހެންކަމުން ކުރިއަށް އޮތް ހަފްތާގެ ތެރޭގައިވެސް ދަތުރުފަތުރުކުރާ ފަރާތްތަކާއި، އާންމުންވެސް މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.




