މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ވަގުތީ ޗެއަރޕާސަންގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) އިންތިޚާބު ކޮށްފިއެވެ.
އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް ގަޕޯ އިންތިހާބުކުރީ މިރޭ ބޭއްވި ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ޖުމްލަ 66 މެންބަރުން ބައިވެރިވެފައިވެއެވެ.
މި ވޯޓުގައި ގަޕޯ ވަގުތީ ޗެއަރޕާސަންގެ މަޤާމަށް އިންތިޚާބު ކުރުމަށް 65 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.
އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމު ހުސްވީ އެމަޤާމު ފުރުއްވަމުންދިޔަ ފައްޔާޞް އިސްމާއިލް އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ފައްޔާޞް އިސްތިއުފާ ދެއްވާފައިވަނީ ޕާޓީ ތެރޭގައި އޮތް ޚިޔާލު ތަފާތުުންތަކާއި ގުޅިގެން އެކަންކަން ހައްލު ކުރުމަށް ކުރެއްވި މަސައްކަތަށް އެންމެ އެކަށީގެންވާ ކުރިއެރުންތަކެއް ނުލިބުމުން ކަމަށް ވިދާޅުވެފައިވެއެވެ.
ފައްޔާޒް އިސްތިއުފާ ދެއްވިފަހުން ޕާޓީގެ ޗެއަރޕާސަނެއް ކަނޑައެޅުމަށް މީގެ ކުރިން ބޭއްވި ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ހިޔާލު ތަފާތުވުން ބޮޑުވެ، ޗެއަރޕާސަނަކު ކަނޑައެޅިފައި ނުވެއެވެ.
މިރޭ ބޭއްވި އެމްޑީޕީ ޤައުމީ މަޖިލީހުގެ ބައްދަވުމުގައި އިންތިޚާބުވުމަށްފަހު، ގަޕޯ ވަނީ އޭނާއަށް އިތުރުބާރު ކުރައްވައި އެމަޤާމަށް އިންތިޚާބު ކުރެއްވި ކަމަށްޓަކައި، މެންބަރުންނަށް ޝުކުރު އަދާކުރައްވާފައެވެ.



