ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް (އެސްޕީއެމްއެސްސީ) ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕަރސަންގެ މަޤާމަށް އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް އައްޔަނުކޮށްފިއެވެ.
އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމްއަކީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯގެ މަޤާމުގައިވެސް ހުންނެވި ބޭފުޅާއެވެ.
މި ކުންފުނީގެ ބޯޑަށް މީގެ ކުރިން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވަނީ ބައެއް މެންބަރުން އައްޔަނުކުރައްވާފައެވެ. އެގޮތުން، ބޯޑު މެމްބަރުންގެ ގޮތުގައި އާޢިޝަތު މުޙައްމަދު އަދި ޝިބާނާ އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވައެވެ. އަދި ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ ޑރ. ޝާހު މާހިރެވެ.
ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް އުފައްދާފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު، ކުންފުނީގެ ޤާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.
މި ކުންފުންޏަކީ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެކެވެ.
މި ކުންފުނި އުފެއްދުމުގެ މައިގަނޑު މަޤްޞަދަކީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ދިވެހިރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކޮށް، އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތް ކުރުމެވެ.



