އަންނަ މަހު އެންޓި-ކޮރަޕްޝަން އެކެޑެމީން ކުރިއަށްގެންދާ ކޯސްތައް ފެށުމަށް މަސައްކަތްކުރަމުންދާކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ (އޭސީސީ) ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ.
އޭސީސީގެ ރައީސް މިކަން ހާމަކުރެއްވީ މިއަހަރުގެ އެންޓި ކޮރަޕްޝަން ދުވަހުގެ މުނާސަބާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ޝާމިލް ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތައް ތަޙުޤީޤުކުރުމުގައި ދިމާވާ އެންމެ ބޮޑު އެއް ދަތިކަމަކީ ތަޙުޤީޤީ ދާއިރާއިން ތަމްރީންވެފައިވާ މީހުން މަދުވުންކަމަށެވެ. އެހެންކަމުން، މީހުން ތަމްރީންކުރުމަށް ރާއްޖޭގައި ހަދައި ފުރަތަމަ އެންޓި-ކޮރަޕްޝަން އެކެޑެމީގެ ކިޔެވުން އަންނަ އަހަރުގެ ޖެނުއަރީ މަސް ނިމުމުގެ ކުރިން ފެށުމަށް މަސައްކަތްކުރަމުންދާކަމަށް ޝާމިލް ވިދާޅުވިއެވެ.
އެކެޑެމީ ފެށުމަށްޓަކައި އެކަށީގެންވާ އަދަދަށް މުވައްޒަފުން މިހާރުވެސް ތިބިކަމަށާއި، އަމާޒަކީ އެމްކިއުއޭ ޤަބޫލުކުރާ ފެންވަރުގެ އެންޓި ކޮރަޕްޝަންގެ އިންވެސްޓިގޭޝަން ކޯހެއް ވުޖޫދުކުރުންކަމަށް ޝާމިލް ވިދާޅުވިއެވެ.
ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ގުޅިލާމެހިގެންދާނެ ފަދައިން ތައުލީމާއި ތަމްރީނު ދިނުމާއި، ދިރާސާކުރުމާއި ހޭލުންތެރިކުރުވުމުގެ މަޤުސަދުގައި އޭސީސީން ޤާއިމްކުރި ”ދިވެހިރާއްޖޭގެ ޤައުމީ އެންޓި-ކޮރަޕްޝަން އެކެޑެމީ“ ރައީސުލްޖުމްހޫރިއްޔާ ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 7ވަނަ ދުވަހުއެވެ. މި އެކެޑެމީއަކީ އެންޓި-ކޮރަޕްޝަން ދާއިރާއިން ފަންނީ މީހުން ބިނާކުރުމަށާއި، ކޮރަޕްޝަނާ ދެކޮޅަށް ދައުލަތުގެ މުވައްޒަފުންނާއި އާންމުން ހޭލުންތެރިކުރުމުގެ ގޮތުން ތަމްރީނުތައް ފޯރުކޮށްދިނުމަށް އުފައްދާފައިވާ މުއައްސަސާއެކެވެ.
ފުރަތަމަ ކިޔަވައި ދިނުމަށް ހަމަޖެހިފައިވަނީ ސެޓްފިކެޓް ލެވެލް 4ގެ ކޯސްތަކާއި، ޑިޕްލޮމާ ލެވެލްގެ ކޯސްތަކެވެ. އަދި މުސްތަޤުބަލުގައި މާސްޓަރސް ލެވެލްއާއި ހަމައަށް ކިޔަވާދެވޭނެކަމަށް އޭސީސީން ވަނީ ބުނެފައެވެ.
މީގެ އިތުރުން، ޝާމިލް ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި ކޮރަޕްޝަން ހުއްޓުވުމަށް އެންމެ މުހިންމު އެއް ކަމަކީ ކޮރަޕްޝަންގެ ސަބަބުން ދައުލަތަށް ގެއްލޭ މުދާ ހޯދުމުގައި ހަރުދަނާ ނިޒާމެއް އޮތުމެވެ.
ޝާމިލް ވިދާޅުވީ ފާއިތުވި 17 އަހަރު 1.6 ބިލިޔަން ރުފިޔާގެ މުދަލާއި ފައިސާ ދައުލަތަށް ގެއްލިފައިވާކަން ކަމާބެހޭ މުއައްސަސާތަކަށް އެންގިފައިވާ ކަމަށެވެ.
އެފަދަ މުދަލާއ ފައިސާ އަނބުރާ ހޯދޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރެވޭނީ އެސެޓް ރިކަވަރީއާ ބެހޭ ޤާނޫނެއް އޮވެގެންކަމަށް ޝާމިލް ވިދާޅުވިއެވެ.



