ސްރީ ލަންކާއަށް އެރި ތޫފާން ދިތުވާ އާއި ގުޅިގެން ބަންދު ކުރި ލަންކާގެ ބައެއް ސްކޫލްތައް އިތުރު ހަފްތާއަކަށް ބަންދު ކުރުމަށް އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
ލަންކާގެ ނިއުސް ވަޔާ ނޫހުން ބުނީ އެ ގައުމުގެ 147 ސްކޫލެއް ޑިސެމްބަރު 15އާ ހަމައަށް ބަންދު ކުރަން ނިންމާފައިވާ ކަން އެ މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.
ލަންކާއަށް މިދިޔަ މަހު ފަހުކޮޅު އެރި ތޫފާނުގެ ސަބަބުން ގައުމުގެ ބޮޑު ސަރަހައްދަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މިގޮތުން ގައުމުގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވުމުގެ އިތުރުން، ބިންގަނޑު ކަނޑައިގެން ގޮސް ބައެއް ތަންތަން ބިމާހަމަވުމުގެ ހާދިސާތައް ވަނީ ހިނގައިފައެވެ.
ތޫފާނުގެ ސަބަބުން މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޯލެވެލް އަދި އޭލެވެލް އިމްތިހާނުގެ ތާރީހު ވެސް ވަނީ އަންނަ އަހަރަށް ބަދަލުކޮށްފައެވެ.
ފަސް ކުރި އޭ ލެވެލް އިމްތިހާން ޖެނުއަރީ 12-20 އަށް ބާއްވަން މިހާރު ޝެޑިއުލް ކޮށްފައިވާއިރު، އޯ ލެވެލް އިމްތިހާން ބާއްވަން ޝެޑިއުލް ކޮށްފައި ވަނީ ފެބްރުއަރީ 14އިން މާރިޗް 2 އަށެވެ.




