އިންޑޮނީޝިއާގެ ވެރިރަށް ޖަކާޓާގައި ހުންނަ ހަތް ބުރީގެ އޮފީސް އިމާރާތެއްގައި މިއަދު ރޯވެ، 22 މީހުން މަރުވެއްޖެއެވެ.
އިންޑޮނީޝިއާ ފުލުހުން ހާމަކުރި ގޮތުގައި، އަލިފާން ރޯވާން ދިމާވީ އެ އިމާރާތުގެ ފުރަތަމަ ބުރީގައި ބެޓެރިއެއް ގޮވައިގެން ކަމަށެވެ.
އޭރު އެ އިމާރާތުގެ އޮފީސްތަކުގައި މަސައްކަތްކުރާ މީހުން ތިބީ މެންދުރުގެ ލަންޗް ބްރޭކްގައެވެ. އޮފީސް އިމާރާތުގެ ފުރަތަމަ ބުރިއަކީ ޑްރޯން އުފައްދާ ކުންފުންޏެއްގެ މަސައްކަތްތައް ކުރަމުން އައި ތަނެކެވެ.
ބެޓެރި ގޮވުމާއެކު ފުރަތަމަ ބުރީގައި ރޯވި އަލިފާންގަނޑު ވަރަށް ހަލުވިކަމާއެކު މުޅި އިމާރާތަށް ފެތުރިގެން ދިޔައެވެ.
މަރުވި 22 މީހުންގެ ތެރެއިން ގިނަ މީހުން މަރުވެފައިވަނީ އަލިފާނުގެ ދުމުގެ ސަބަބުން ނޭވާ ހާސްވެގެން ކަމަށް ފުލުހުން ހާމަކުރިއެވެ. މަރުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުން ކަމަށާއި، އެމީހުންގެ ތެރޭގައި މާބަނޑު މީހަކު ވެސް ހިމެނޭކަމަށް ފުލުހުން ބުނެފައިވެއެވެ.
އަލިފާން ނިއްވުމުގެ މަސައްކަތުގައި 100 އަށް ވުރެ ގިނަ ފަޔާފައިޓަރުން ހަރަކާތްތެރިވެފައިވާއިރު، އެމީހުން ވަނީ އިމާރާތުގެ ތެރޭގައި ތިބި ހުރިހާ މީހުންވެސް ސަލާމަތްކުރުމުގެ މަސައްކަތް ކޮށްފައެވެ.




