މާލެ ސަރަހައްދަށް ދިމާވެފައިވާ ޕާކިންގ މައްސަލައަށް ވަގުތީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި 1900 އަށްވުރެ ގިނަ ވަގުތީ ޕާކިންގ ޒޯންތަކެއް ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކަނޑައަޅައިފިއެވެ.
އެގޮތުން މިހާތަނަށް 1964 އުޅަނދު ޕާކު ކުރެވޭނެ ޖާގަ ވަގުތީގޮތުން ކަނޑައަޅާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނި ގޮތުގައި، މި ޖާގަތަކަކީ ހަތަރު ފުރޮޅުލީ އުޅަނދުތައް ޕާކު ކުރުމަށް ވަގުތީ ހައްލެއް ހޯދައިދިނުމަށް ކަނޑައަޅާފައިވާ ޖާގަތަކެކެވެ.
ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެޗްޑީސީ ގުޅިގެން މި ވަގުތީ ޕާކިންގ ސަރަހައްދުތައް ކަނޑައެޅުމުގެ މައިގަނޑު ބޭނުމަކީ، ހުޅުމާލޭގެ ޓްރެފިކް ފްލޯ ރަނގަޅު ކުރުމާއި، މަގުތަކުގައި ވެހިކަލްތައް ޕާކު ކުރުމުގެ ސަބަބުން ދިމާވާ ތޮއްޖެހުން ކުޑަކުރުމެވެ.
ވަގުތީ ޕާކިންގ ސަރަހައްދުތައް ކަނޑައަޅާފައިވާ ތަންތަނުގެ ތަފްސީލަށް ބަލާއިރު، މައިގަނޑު ހަތަރު ސަރަހައްދެއް ވަނީ ކަނޑައަޅާފައެވެ.
އެއީ:
1- މަސްޖިދުލް ވާލިދައިން ކައިރިން 115 ޕާކިންގ ޖާގަ،
2- ޣާޒީ ސްކޫލު ކައިރިން 254 ޕާކިންގ ޖާގަ،
3- ހިޔާ ޓަވަރު 16ގެ ކައިރިން އެންމެ ގިނަ ޖާގަ ކަމަށްވާ 1233 ޖާގަ،
4- ވިނަރެސް ކައިރިން 362 ޖާގަ
ހުޅުމާލޭގައި އުޅަނދުތައް ޕާކު ކުރުމަށް ދިމާވެފައިވާ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، އެޗްޑީސީން އަންނަނީ ޕާކިންގ ބިލްޑިންތަކެއް ހެދުމުގެ މަސައްކަތްވެސް ކުރަމުންނެވެ.



